22 Dec 2017, 15:15
ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ ދަށުން، ފިނޭންސް މިނިސްޓްރީން ދޭ ތިން ހުއްދައެއް ހޯދުމަށް ސިޓީ ލިޔުމުގެ ބަދަލުގައި، ފުރަންޖެހޭ ޚާއްސަ ތިން ފޯމެއް ތައާރަފުކޮށްފިއެވެ.
ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ސޮއިކުރައްވައި، އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ދައުލަތުގެ ބަޖެޓު ކޮންޓްރޯލް ކުރުމަށާއި، އެޑްވާންސް ފަންޑުން ފައިސާ ހޯދުމަށާއި ދައުލަތުގެ މާލިއްޔަތު ގަނޫނާއި ގަވައިދުގެ ދަށުން އެ މިނިސްޓްރީން ދޭންޖެހޭ ހުއްދަތައް ދިނުމަށް ގިނަ ފޯމުތަކަކާއި ސިޓީތަކެއް، އޮފީސްތަކުން މިހާރު ލިޔަންޖެހޭ ކަމަށެވެ.
އެހެން ނަމަވެސް މި ފެށޭ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިކަންކަމަށް ސިޓީ ލިޔުމުގެ ބަދަލުގައި، ހުއްދައަށް އެދެންޖެހޭނީ ޚާއްސަ ފޯމެއް ފުރައިގެން ކަމަށް ފިނޭންސް މިނިސްޓަރުގެ ސާކިއުލާގައި ބުނެފައިވެއެވެ.
އެގޮތުން، ބަޖެޓު ކޮންޓްރޯލްކުރުމަށް BC01 ފޯމު، އެޑްވާންސް ފައިސާ ހޯދުމަށް BC02 ފޯމު ފުރަންޖެހޭ ކަމަށް ފިނޭންސުން ބުނެއެވެ.
އަދި ޚިދުމަތާއި ތަކެތި ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް ވަކި ފަރާތަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަނޭޅުމަށް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ. އެހެން ނަމަވެސް ވަކި ހާލަތްތަކެއްގައި ހުއްދަ ހޯދުމަށް BC03 ފޯމު ފުރަންޖެހޭނެ ކަމަށް ފިނޭންސުން ބުންޏެވެ.
މި ސާކިއުލާއާއި ފޯމުތައް، ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ދުވާލަކު އެވެރޭޖްކޮށް 60 އެއްހާ ބަޖެޓު ރިކުއެސްޓް އަންނަ ކަމަށާއި، ނަމަވެސް އަންނަ އަހަރުން ފެށިގެން ގެންނަ މި ބަދަލާ އެކު ދައުލަތުގެ ފައިސާގެ މުއާމަލާތުތައް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
"ވަގުތު ސަލާމަތްވުމުގެ އިތުރުން، މިއީ ދެފުށް ފެންނާނެ ނިޒާމެއް. މާލިއްޔަތު ގަވައިދަށް އަމަލުކުރުމަށްވެސް ފަސޭހަވެގެން ދާނެ،" ފިނޭންސުން ބުންޏެވެ.