ޗައިނާ އޮތީ ފަލަސްތީނުގެ ރައްޔިތުންގެ ގައުމީ އަދި ގާނޫނީ ހައްގުތައް ހޯދައިދިނުމަށް ތާއީދުކޮށް، ފަލަސްތީނާ އެކުގައި ކަމަށާއި މިކަމުގައި ޗައިނާގެ ވިސްނުން ބަދަލު ނުވާނެކަމަށް އެގައުމުން ބުނެފިއެވެ.

އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގައި ބޮޑު އަގުލަބިއްޔަތަކުން ގަރާރެއް ފާސްކުރި އިރު، އިއްޔެ ބޭއްވި އދ.ގެ ކުއްލި ބައްދަލުވުމުގައި ޗައިނާގެ މަންދޫބު ވިދާޅުވީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަކީ ޗައިނާއިން އެދޭކަމަކަށް ވާ އިރު، އެސަރަހައްދަށް ހައްލެއް ލިބޭނީ ފަލަސްތީނާއި އިސްރާއީލުގެ ދައުލަތް އެކު އެކީގައި ގާއިމުކޮށް، ދެމިއޮވެގެން ކަމަށެވެ.

ޗައިނާއިން ބުނީ، ދެ ދައުލަތެއް ގާއިމުކުރުން މުހިންމުވާ އިރު، ގުދުސްގެ މައްސަލައިގައި އދ.އިން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

ޗައިނާގެ މަންދޫބު ވިދާޅުވީ މެދުއިރުމަތީގެ ސުލްހައަށް ޗައިނާއިން ވަރަށް ބޮޑަށް ބާރުއަޅަމުން އަންނަ ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމީ، ގާނޫނީ ހައްގުތައް ފޯރުކޮށްދީ، 1967ގެ ކުރިން އދ.އިން ކަނޑައެޅި ސަރަހައްދީ އިންތަކާ އެއްގޮތަށް މިނިވަން މުސްތަގިއްލު ފަލަސްތީނެއް ގާއިމުކޮށް، އެ ގައުމުގެ ވެރިރަށް ކަމުގައި އިރުމަތީ ގުދުސް ހެދުމަށް ޗައިނާއިން ތާއީދުކުރަން. މިއީ ޗައިނާގެ ވިސްނުމަކީ، އަދި މިކަމެއް ބަދަލެއް ނުވާނެ،" ޗައިނާގެ މަންދޫބު ވިދާޅުވިއެވެ.

ޗައިނާގެ މަންދޫބު ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ސިޔާސީ ހައްލެއް ހޯދުމަށް ބިނާކުރުވަނިވި ދައުރެއް އަދާކުރުން މަތީގައި ޗައިނާއިން ދެމިތިބޭނެ ކަމަށެވެ.

"ޗައިނާއިން މިކަމުގައި ދެމިތިބޭނަން. މިއީ މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުން ގާއިމުކޮށް، އެ ސަރަހައްދު ތަރައްގީކުރުމުގެ މަގްސަދުގައި ޗައިނާގެ ވިސްނުން،" ޗައިނާއިން ބުންޏެވެ.