ގޫގުލްގެ މައި ކުންފުނިކަމަށްވާ އަލްފަބެޓްގެ ޗެއާމަން ކަމުގައި ހުންނެވި އެރިކް ޝްމިޑްޓް އެ މަގާމުން އިސްތިއުފާދޭން ނިންމައިފިއެވެ.

އެރިކް އެމަގާމުން އިސްތިއުފާދޭން ނިންމާފައިވަނީ އަންނަ ޖެނުއަރީމަހުގައި ކަމަށް އެ ކުންފުންޏާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ޓެކްނޮލޮޖީގެ މައި ކުންފުނި ކަމަށްވާ ގޫގޫލްގައި 2001 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އެރިކް ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ކުންފުނީގެ ބޯޑުގައި ސައިންސާއި ޓެކްނޮލަޖީގެ މައްސަލަތަކުގައި އެޑްވައިޒަރެއްގެ ގޮތުގައި ހުންނާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކަމާބެހޭގޮތުން އެރިކް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ސައިންސާއި ޓެކްނޮލޮޖީ އަދި ވެލްފެއާގެ ކަންކަމުގައި ގިނަވަގުތު ހޭދަ ކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެން މަސައްކަތް ކުރާނީ ބޮޑަށް އެބައި ފުޅާކުރުމަށް ކަމަށެވެ. އަދި ކުންފުންޏަށް އެ ބަދަލު ގެންނަން މިއީ އެންމެ ރަނގަޅު ވަގުތު ކަމުގައިވެސް އެރިކް ވިދާޅުވިއެވެ.

އެރިކް ގޫގުލް އާ ގުޅުނީ 2001 ވަނަ އަހަރު ގޫގޫލްގެ ސީއީއޯގެ މާގާމަށެވެ. އެއަށްފަހުގައި 2011 ވަނަ އަހަރު ގޫގުލްގެ ޗެއާމަންގެ މަގާމަށް އެރިކް ވަނީ އައިސްފައެވެ. 2015 ވަނަ އަހަރު ގޫގުލް ރީސްޓްރަކްޗާކޮށް އަލްފަބެޓްގެ ނަމުގައި މައި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ޗެއާމަންގެ ގޮތުގައި މިއަދާ ހަމައަށްވެސް ހުންނެވީ އޭނާއެވެ.

އެރިކް އަކީ ގޫގުލް މިއަދު މިދެކޭ ތަރައްގީއާއި ކުރިއެރުމުގެ ބޮޑުބައެއް ހިއްސާކޮށްފައިވާ ގޫގުލްއަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދީފައިވާ ބޭފުޅެކެވެ. އަދި ކުންފުނީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ލޯތްބާއި އިހްތިރާމްވެސް ހޯދައިފައިވާ ބޭފުޅެކެވެ.