އިސްރާއީލަށް މިވަގުތު އޮތީ ދެގޮތުން ކުރެ އެއް ގޮތް ކަމަށާއި، އެއީ ތަހުޒީބުވުން ނުވަތަ އިސްތިއުމާރީ ވިސްނުމުގައި ތާށިވެ، މުޅި ދުނިޔެއާ އެކަހެރިވެގެން އޮތުން ކަމަށް އދ.އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ކަނޑައަޅައި، އިސްރައީލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް އެމެރިކާ ސަރުކާރުން ނިންމުމާ ގުޅިގެން، އެެއީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން އެމެރިކާއިން އަނބުރާ ގެންދިއުމަށް ގޮވާލައި، އދގައި އިއްޔެ ވަނީ ވޯޓު ނަގައިފައެވެ.

އދ.ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ ޕޮލިޓިކްސްގެ އެންމެ މުހިންމު ކަމަކަށް މިހާރު ވަނީ ގާނޫނުގެ ވެރިކަން ދެމެހެއްޓުން ކަމަށެވެ.

"މި ހަގީގަތަށް ވުރެ އެއްވެސް ގައުމެއްގެ ބާރެއް ގަދައެއް ނުވާނެ. ގުދުސާ ބެހޭގޮތުން އދގައި މިއަދު ފާސްކުރި ގަރާރުން ވެސް ހާމަކޮށްދޭ ހަގީގަތަކީ މިއީ،" ޑރ. އަލީ ނަސީރު ވިދާޅުވިއެވެ.

"މި ހަގީގަތް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުން ގެންދާނަން. ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ހައްލެއް ހޯޑުމަށް އދގެ ތެރެއިން ހުރިހާ ގައުމަކާ އެކު ދިވެހިރާއްޖެއިން މަސައްކަތް ކުރާނަން،"

ގުދުސްގެ ނިންމުން އަނބުރާގެންދިއުމަށް އދ.ގެ 128 މެމްބަރު ގައުމުތަކުން ވޯޓު ދީފައިވާއިރު ނުވަ ގައުމަކުން ވަނީ އެނިންމުން އަނބުރާ ގެންދަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ. އަދި 35 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެެވެ.

އދގައި ބޮޑު އަޣުލަބިއްޔަތަކުން އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ގަރާރު ފާސްވުމާ ގުޅިގެން، ޑރ. އަލީ ނަސީރު ވިދާޅުވީ މިއީ އިސްރާއީލުން ދެގޮތުން ކުރެ އެއް ގޮތެއް ނިންމަންވީ ވަގުތު ކަމަށެވެ.

"މިއީ އިސްރާއީލުން މުހިންމު ނިންމުމެއް ކަނޑއަޅަންވީ ވަގުތު. އިސްރާއީލަށް ދުނިޔޭގެ ތަހުޒީބީ މަގުން ދިއުމަށް ނިންމިދާނެ. އެހެން ނޫން ނަމަ، ދެން އޮތީ ގާނޫނާ ޚިލާފަށް ބިން ފޭރުމާއި އިސްތިއުމާރީ ވިސްނުމުގައި ތާށިވެ، މުޅި ދުނިޔެއާ އެކަހެރިވެ އޮތުން،"

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުގެ ނިޒާމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ފެށިގެން އެންމެ ކުދި ގައުމުތައްވެސް ބައިނަލްއަގުވާމީ ގާނޫނުތައް ރައްކާތެރިކޮށް، އެއަށް ތަބާވެ އިހްތިރާމުކުރަންޖެހޭ ނިޒާމެއް ކަމަށެވެ.

"މި މޭރުވުމުން، ސަލާމަތީ މަޖިލީހުގެ ގަރާރަށް އިސްރާއީލުންވެސް ތަބާވެ، އަމަލުކުރަން ޖެހޭނެ،" ޑރ. އަލީ ނަސީރު ވިދާޅުވިއެވެ.