22 Dec 2017, 13:51
މި ލޮބުވެތި ވަތަނުގައި އިސްލާމްދީން ދެމެހެއްޓުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ބުނެފައިވަނީ މި ގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާތީ އެކަމާ ހަސަދަވެރިވާ އެތައް ބަޔަކު ތިބި ކަމަށާއި ސައްތައިން ސައްތަ ސުންނީ ގައުމަކަށްވާތީ އެކަމާ ދެކޮޅު ހަދާ ބަޔަކު ވެސް ތިބި ކަމަށެވެ.
"ރާއްޖެ އިސްލާމްވުމާއެކު އިސްލާމްދީނުން ބޭރަށް ނެރެވޭތޯ އެކި ދުވަސްވަރު ތަފާތު މަސައްކަތްތަކެއް ކޮށްފައިވާކަން ތާރީހުން އެނގޭ. އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އެކަން ކޮށްފައިވަނީ ޕޯޗުގީޒް އިސްތިއުމާރުގެ ޒަމާނުގައި،" ހުތުބާގައި ބުނެފައިވެއެވެ.
އިސްތިއުމާރީ ގައުމުތަކުން އެކި ގައުމުތަކަށް އަރައި އެ ގައުމުތަކުގެ މީހުން ދީނުން ބޭރު ކުރަމުން އައިސް ރާއްޖެ ވެސް ގަދަ ކަމުން އެ މީހުންގެ ދީނަށް ވެއްދޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް އެފަދަ މީހުންގެ ނުބައި މަސައްކަތް ނާކާމިޔާބުވެ މިއަދާ ހަމައަށްވެސް ރާއްޖެ އިސްލާމްކަން މަތީ ދެމި އޮތީ މާތްﷲގެ ފަޟްލުވަންތަކަމާއެކު، ބޮޑުތަކުރުފާނު ފަދަ، ދީނާއި ގައުމަށް ވަފާތެރި އަބުތާލުންގެ އަގުހުރި ޖިހާދާއި މިންނެތް މަސައްކަތްޕުޅުގެ ސަބަބުން ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
އިސްލާމީ ގައުމުތަކުގެ ދުޝްމަނުން، މުސްލިމުންގެ އަގީދާ ބަލިކަށި ކުރުމަށް މިއަދު މަސައްކަތް ކުރާ ކަމަށާއި އެ މީހުންގެ މަސައްކަތަކީ މުސްލިމުން ދީނާ ބީރަށްޓެހިކޮށް އިސްލާމްދީނާ މެދު ޝައްކު އުފައްދައި އެ ދީނާ ދުރުކުރުން ކަމަށް ހުތުބާގައިވެއެވެ. ނަމަވެސް ކީރިތި ރަސޫލާ މައްކާގައި ހުންނަވައި މުސްލިމުންނަށް ދަސްކޮށްދެއްވި އަގީދާގައި ސާބިތުކަން މަތީ ދެމިތިބުމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.