ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގެންފައިވާތީ އެނިންމުން އަނބުރާ ގެންދިޔުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު ބަލައި ނުގަންނާނެ ކަމަށް އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ގުދުސްގެ ނިންމުން އަނބުރާގެންދިއުމަށް އދ.ގެ 128 މެމްބަރު ގައުމުތަކުން ވޯޓު ދީފައިވާއިރު ނުވަ ގައުމަކުން ވަނީ އެނިންމުން އަނބުރާ ގެންދަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ. އަދި 35 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެެވެ.

ފޭސްބުކްގައި އާންމު ކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ވިދާޅުވީ، ޓްރަމްޕް އާއި އެމެރިކާގެ ނިންމުން އިސްރާއީލުން އުފަލާ އެކު ބަލައިގަންނަ ކަމަށެވެ. އަދި ގަރާރާ ދެކޮޅަށް ވޯޓް ދިން ގައުމުތަކަށް އިސްރާއީލުން ޝުކުރު އަދާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގުދުސް އަކީ މީގެކުރިން ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް އަހަރެމެންގެ ވެރިރަށް،" ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫ ވަނީ އިސްރާއީލްގެ ދިފާއުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާއިން އދ.އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ނިކީ ހާލޭ ކުރާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ވޯޓުގައި ބޮސްނިއާ ފިޔަވައި ހުރިހާ މުސްލިމު ގައުމުތަކުން ގަރާރާ އެއްކޮޅަށް ވޯޓުލިއިރު، ރަޝިއާ، ޗައިނާ، އިންޑިއާ އަދި އިނގިރޭސި ވިލާތުންވެސް ވަނީ ގަރާރަށް އާއެކޭ ބުނެފައެވެ.

ވޯޓަށް ފަހު ފަަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ މިއީ ފަލަސްތީނަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.