10 Aug 2011, 13:14
އެމްބީސީ އަށް ބަޖެޓް ނުދިން މައްސަލައިގައި މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރައްވައި ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒާ ސުވާލު ކުރަމުން ދަނިކޮށް ކޮމިޓީގެ މެންބަރުންގެ މެދުގައި ޒުވާބު ގަދަވެ، ރުޅި ކޮންޓްރޯލް ނުވެގެން އެމްޑީޕީގެ މެންބަރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލް ޣަފޫރު މޫސާ ގައުމީ ޕާޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދާ ދިމާލަށް މައިކް ސިސްޓަކާއި ފައިލްތައް ހޫރާލައިފި އެވެ.
މެންބަރުންގެ މެދުގައި މައްސަލަ ހޫނުވެ ޒުވާބު ގަދަވީ، ރިޔާޒު ރަޝީދު ފިނޭންސް މިނިސްޓަރާ ސުވާލު ކުރައްވަމުން އެމްޑީޕީގެ މެންބަރުންނަށް ނިސްބަތް ކުރައްވައި "އެ ބައިގަނޑު"ކަމަށް ވިދާޅު ވުމުންނެވެ. އެ މައްސަލައިގައި އެމްޑީޕީގެ މެންބަރުން އަޑުގަދަ ކުރައްވައި މެންބަރުންނާ ނިސްބަތް ކުރައްވައި އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެ އަޑުގަދަކުރައްވަން ފެއްޓެވި އެވެ.
ޣަފޫރު މައިކް ސިސްޓަމާއި ފައިލްތައް ރިޔާޒާ ދިމާލަށް އުކައިލި ނަމަވެސް، ރިޔާޒު އިނީ ޣަފޫރާ ދިމާލުން މޭޒުގެ އަނެއް ފަރާތުގައި ކަމުން އެތަކެތިން ރިޔާޒުގެ ގައިގައި ޖެހިފައެއް ނުވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ދޭތެރެ ދޭތެރެއިން މެންބަރުންގެ މެދުގައި މައްސަލަ ހޫނުވެގެން ގޮސްފައިވެ އެވެ. އަދި ބައެއް މެންބަރުން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމާ ދިމާލަށް ހުތުރުބަހުން މުހާތަބު ކުރައްވައިފައި ވާހަކަ ދައްކަވައިފައިވެ އެވެ.