22 Dec 2017, 01:48
ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގެންފައިވާތީ އެނިންމުން އަނބުރާ ގެންދިޔުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކުރުމާ ގުޅިގެން އެމެރިކާ އިން އދ. އާ މެދު ދެކޭގޮތް ބަދަލުވާނެ ކަމަށް އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހޭލީ ވިދާޅުވެއްޖެއެވެ.
ގުދުސްގެ ނިންމުން އަނބުރާގެންދިއުމަށް އދ.ގެ 128 މެމްބަރު ގައުމަކުން ވޯޓު ދީފައިވާއިރު ނުވަ ގައުމަކުން ވަނީ އެނިންމުން އަނބުރާ ގެންދަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ. އަދި 35 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެެވެ.

އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހޭލީ ރޭ ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: އޭޕީ
އެމެރިކާއާ ދެކޮޅަށް މި ވޯޓު ފާސްވެފައިވާއިރު، ހޭލީ ވަނީ މީގެ ކުރިން އެމެރިކާއާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް އެގައުމުންދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދީފައެވެ.
އޭނާ ވިދާޅުވީ އދ. އަށް އެމެރިކާއިން ދޭ މާލީ އެހީ ގެރެންޓީ ނުވާނެ ކަމަށާއި އެމެރިކާ އާ ދެކޮޅަށް މަސައްކަތް ކުރާ ޖަމްއިއްޔާއަކަށް އެ ގައުމުގެ ސަޕޯޓު ނުލިބޭނެ ކަމަށެވެ.
"އެމެރިކާގެ އެމްބަސީ ބަހައްޓާނީ ގުދުސްގައި. އދ. ގައި ނެގޭ އެއްވެސް ވޯޓަކަށް މިކަމެއް ނުހުއްޓުވޭނެ. އެކަމަކު މި ވޯޓުގެ ސަބަބުން އެމެރިކާއިން އދ. އާ ދޭތެރޭ ދެކޭގޮތް ބަދަލުވާނެ،" ހޭލީ ވިދާޅުވިއެވެ.
ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިސްރާއިލު ހިމެނެއެވެ. ވޯޓުގައި ބައިވެރިނުވި ގައުމުތަކުގެ ތެރޭގައި ކެނެޑާ، އޮސްޓްރޭލިއާ، ބޫޓާން، އާޖެންޓީނާގެ އިތުރުން ފިލިޕިންސް އަދި ޕޮލެންޑް ހިމެނެއެވެ.
ވޯޓުގައި ބޮސްނިއާ ފިޔަވައި ހުރިހާ މުސްލިމު ގައުމުތަކުން ގަރާރާ އެއްކޮޅަށް ވޯޓުލިއިރު، ރަޝިއާ، ޗައިނާ، އިންޑިއާ އަދި އިނގިރޭސި ވިލާތުންވެސް ވަނީ ގަރާރަށް އާއެކޭ ބުނެފައެވެ.