21 Dec 2017, 23:40
ގުދުސްއަކީ އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގެންފައިވާތީ އެނިންމުން އަނބުރާ ގެންދިޔުމަށް އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅޭގޮތުން ބަހުސް ކުރަމުން ރާއްޖެ އިން އެމެރިކާއަށާއި އިސްރާއީލަށް ވަރުގަދަ ރައްދެއްދީފިއެވެ.
އެބަހުސްގައި ވާހަކަފުޅުދައްކަމުން އދ.އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ ގައުމުތަކުން ތަބާވަމުން އަންނަނީ ވެސް އަދި އަމަލު ކުރަމުންވެސް އަންނަނީ ގަނޫނީ ހުކޫމާތަށް ކަމަށާއި އެއުސޫލުން ބޭރުން ކިތަންމެ ބާރުގަދަ ގައުމަކަށްވެސް ކަންކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
ޑރ. އަލީ ނަސީރު ވިދާޅުވީ އެ ހަގީގަތް މީގެކުރިން ފަލަސްތީނު މައްސަލާގައި ހުށަހެޅުނު ގަރާރުތަކަށް ލިބުނު ނަތީޖާއިން އެނގިގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއްކަން އިސްރާއީލުން ދަންނަން ޖެހޭ ކަމަށާއި އިރުމަތީގެ މައްސަލަ އަށް އޮތް ހައްލަކީވެސް އެއީ ކަމަށެވެ.
ފަލަސްތީނުގެ ދައުލަތް އޮންނަން ވާނީ 1967 ވަނަ އަހަރު އދ. އިން ނިންމާފައިވާ އިމުގެ ތެރޭގައި ކަމަށާއި މިހާތަނަށް އެ ސަރަހައްދުގެ ސުލްހައަށް އދ. އިން ނިންމާފައިވާ ކަންކަަމަށް އިސްރާއީލުން ތަބާވާންޖެހޭ ކަމަށް އަލީ ނަސީރު ވިދާޅުވިއެވެ.
ރާއްޖެއިން ކޯ ސްޕޮންސާ ކުރި ގުދުސްއަކީ އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގެންފައިވާތީ އެނިންމުން އަނބުރާ ގެންދިޔުމަށް އދ.ގެ އާންމު މަޖިލީހަށް ހުށައެޅި ގަރާރު މިއަދު ވަނީ ފާސްކޮށްފައެވެ.