21 Dec 2017, 22:39
ދިވެހި ގައުމުން އިސްލާމްދީނުގެ އަލިކަން ފޮހެވިގެން ދިޔަ ނުދެއްވައި ދިވެހި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒު ސަރަހައްދުގައި މިރޭ ކުރިއަށްގެންދިޔަ ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކަރުން އިސްލާމީ ޝަޚްސިއްޔަތު ރައްކާތެރިކުރުމަށް ހަރުދަނާ މަސައްކަތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ތެރޭގައި ސްކޫލުތަކުގައި ދީން ކިޔަވައިދިނުމާއި މަތީ ތައުލީމް އުނގެނޭ ކުދިންނަށް އިސްލާމިކް ޔުނިވަސިޓީއެއް އުފެއްދިކަން ޝުކުރުވެރިކަމާ އެކު ފަހަގަކުރާ ކަމަށެވެ.
"ދިވެހި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރެއްވުމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އަޅުގަނޑު ފާހަގަ ކުރަން. އެގޮތުން ކިޔަވާ ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އާލާ ކުރުމަށްޓަކައި ސްކޫލު ތަކުގައި ދީން ކިޔަވާދިނުން ހަރުދަނާ ކުރުމާއި މަތީ ތައުލީމްގެ ދާއިރާއިން އިސްލާމީ ތައުލީމް ހަރުދަނާ ކުރުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދެވިކަން ޝުކުރުވެެރިކަމާއި އެކު ފާހަގަކުރަން،" ސައީދު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިސްލާމީ ތަރިކައާއި ވަހުދަތު ރައްކާތެރިކުރުމަށް މި ސަރުކާރުން "ތަރިކަ" ގެ ނަމުގައި ފަށާފައިވާ މަޝްރުއުއަކީވެސް މުހިއްމު ޕްރޮގްރާމެއް ކަަމެށެވެ.
ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތާއި އިސްލާމްދީނަށް ހުރަސްއެޅޭނޭ އެއްވެސް ދޮރެއް ހުޅުވިގެން ދިޔަ ނުދެއްވުމަށް މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތައް އެމަނިކުފާނު ވަނީ ޝުކުރު އަދާކޮށްފައެވެ.
ސައީދު ވިދާޅުވީ ރާއްޖެ އަކީ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތް އޮތުމަކީ ބައެއް ފަރާތްތަކުން ޖެހިލުންވާ ކަމެއް ކަމަށާއި ރާއްޖެއަކީ އަމިއްލަ ދައުލަތެއް ގޮތުގައި އޮތުމަށް ބަޔަކު ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި މަދުން ނަމަވެސް ރާއްޖެއަށް އުފަން މީހުން ތިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހިތުހުރި އަގީދާ އަކަށް އުޅުމުގެ މިނިވަންކަމަށް ގޮވާލެވޭ އަޑުތައް އަޅުގަނޑުމެންނަށް އިވޭ. މިފަދަ ގޮތްގޮތައް ދިވެހި ދައުލަތައް ނުފޫޒުތައް ފޯރުވުމުގެ މަގްސަދަކީ ދިވެހިރާއްޖެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ދިވެހިންގެ އަމިއްލަ ދައުލަތެއްގެ ގޮތުގައި އޮތުމަށް ހުރަސް އެޅުން. އަދި މިފަދަ މަސައްކަތް ތަކުގައި އަޅުގަނޑުމެން ދިވެހިންގެ ތެރެއަށް އުފަން ދިވެހިން މަދުން ނަމަވެސް ހިމެނޭ ކަމީ ހިތާމަހުރި ކަމެއް،" ސައީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު އިސްލާމް ދީނާއި ޓެރަރިޒަމާ ގުޅުވައިގެން ވާހަކަތައް ދެއްކުމަކީވެސް އާންމު ކަމެއް ކަމަށާއި މުސްލިމުންގެ ތެރެއިން މަދު ބައެއްގެ އަމަލުތައް އެފަދަ ދޮގު ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ހުންނަ ކަމަށެވެ.
އިސްލާމް ދީނަކީ ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުން ފަދަ އިންސާނިއްޔަތަށް ގެއްލުންހުރި ކަންކަމަށް ނޫނެކޭ ބުނާ ދީނެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދުނިޔެއަށް ދައްކައިދެން ޖެހެނީ އިސްލާމް ދީނަކީ ރަހުމާއި އޯގާވެރިކަމުގެ ދީންކަން. ބައެއްގެ ޕްރޮޕެގެންޑާއަކުން އަދި ކުރިމަތިވާ ކަމެއްގެ ސަބަބުން އެކަންކަން ހަނދާން ނައްތާލައިގެން ނުވާނެ،" ސައީދު ވިދާޅުވިއެވެ.