21 Dec 2017, 20:53
މޭލޭގެ ކުނިއުކަން ބޭނުންވާ މުވައްޒަފުން ހޯދަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ކ. އަތޮޅަށް ޒިޔާރަތް ކުރަން ނިންމައިފިއެވެ.
ވެމްކޯއިން ބުނީ މުވައްޒަފުން ހޯދަނީ ހުރުމާއި ކެއުންވެސް އެކުންފުނިން ދޭ ގޮތަށް ކަމަށެވެ. އަދި މުވައްޒަފުންގެ ހުރުން ހަމަޖައްސަނީ ގުޅީފަޅުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ވެމްކޯއިން ބުނީ މުވައްޒަފުން ހޯދަން ކ.އަތޮޅަށް ކުރާ ޒިޔާރަތުގެ ތެރެއިން އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ކ. އަތޮޅުގެ ހަތް ރަށެއްގައި އިންޓަވިއު ކުރިއަށްދާނެ ކަމަށެވެ.
މަހަކު ހަތްހާސް ރުފިޔާ ދޭން ހަމަޖެހިފައިވާ އެ ވަޒީފާތަކަށް މީހުން ހޯދަން ވެމްކޯއިން ކުރާ ދަތުރުގައި އަންނަ ހޯމަ ދުވަހު އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ގުރައިދޫ އަދި މާފުށީގަ އެވެ. ޖެހިގެން އަންނަ ދުވަހު ހިންމަފުށީގައި އިންޓަވިއުތައް އޮންނައިރު 27 ވަނަ ދުވަހު އިންޓަވިއު ބާއްވާނީ ވެރިރަށް ތުލުސްދު، ހުރަ އަދި ދިއްފުށީގަ އެވެ.
މާލެ އަދި ހުޅުމާލޭގައި މިހާރުވެސް ވެމްކޯއިން ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ ކުންފުނީގެ 80 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.