ފަލަސްތީނުގެ ގުދުސަކީ އިސްރާއިލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާ ގަރާރު ރާއްޖެއިން ކޯ ސްޕޮންސާ ކުރުމުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީން ސަރުކާރަށް މަރުހަބާ ކިޔައިފިއެވެ.

އަދާލަތު ޕާޓިގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ގުދުސަކީ އިސްރާއިލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާ ގަރާރު ރާއްޖެއިން ކޯ ސްޕޮންސާ ކުރުމަކީ ސަރުކާރުން ކުރި ރަނގަޅު އަދި ހެޔޮކަމެއް ކަމަށެވެ.

އެ ޓްވީޓްގައި ބުނެފައިވަނީ މިއަދު ނިންމި ނިންމުމަކީ ސަރުކާރުން ކުރި ރަނގަޅު ކަމެއް ކަމުގައިވިޔަސް ފަލަސްތީނުގެ މައްސަލާގައި މީގެ ކުރިން ކަންކޮށްފައިވާ ގޮތަކީ ހަނދާން ނައްތާލައިގެން ނުވާނެ ކަމެއް ކަމަށެވެ. އަދި ގުދުސް މައްސަލާގައި ސަރުކާރުން ރަނގަޅު ފިޔަވަޅެއް އެޅި ނަމަވެސް ރައްޔިތުންގެ މުދަލަށް ޚިޔާނަތްވެ ސަރުކާރުން ހިންގާ ކަންތައްތަކަކީ ލޯމަރާ ނުލެވޭނެ ކަމެއް ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

ސަރުކާރުން އެ ނިންމުން ނިންމީ ގުދުސް މައްސަލައާ ގުޅިގެން ހުށަހެޅި ގަރާރަށް އެމެރިކާ އާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް ދޭ އެހީ ކަނޑާލާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓަރަމްްޕު ވިދާޅުވެފައިވަނިކޮށެވެ.

އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހާލޭ އދ.ގެ މެމްބަރުންނަށް ފޮނުވި އިންޒާރުގެ ސިޓީގައި ބުނެފައި ވަނީ މާދަމާ ވޯޓުލުން ކުރިއަށްދާއިރު އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަމްޕް ވަރަށް ގާތުން އެ މަންޒަރު ބައްލަވަމުން ގެންދަވާނެ ކަމަށާއި އެމެރިކާއާ ދެކޮޅަށް ވޯޓުލީ ގައުމުތަކުގެ ލިސްޓު އެމަނިކުފާނަށް ފޮނުވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުދުސް މައްސަލާގައި ބައެއް އަރަބި ގައުމުތަކުން ހުށަހެޅި ގަރާރު ރާއްޖެ އިން ކޯ ސްޕޮންސާ ކޮށްފައިވާ ކަމަށެވެ. އަދި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ބުނާ ބުނުން ތަކުރާރުކޮށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން މިއަދު ބަޔާނެއް ދެއްވާނެ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފަ އެވެ.

މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ގުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ރަސްމީކޮށް ބަލައިގަތީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. މިއާއެކު އެމެރިކާ އިން ވަނީ އެގުމުގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ.