21 Dec 2017, 19:38
އަންކާރާ (21 ޑިސެމްބަރު): އެމެރިކާއިން ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ބަލައިގެންފައިވާތީވެ، އެކަމާ ގުޅިގެން އދ. ގައި ނަގަން ހަމަޖެހިފައިވާ ވޯޓުގެ މައްސަލައިގައި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައްދު ދެއްވައި އެގައުމުން ވޯޓަށް ނުވިކޭނެކަމަށް ވިދާޅުވެއްޖެއެވެ.
ގުދުސަކީ އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގެންފައިވާތީވެ އެނިންމުން އަނބުރާ ގެންދިއުމަށް އދ. އަށް ހުށަހަޅާފައިވާ ގަރާރަށް ވޯޓު ނެގުން މިއަދު އޮންނާނެއެވެ.
އެ މައްސަލާގައި ފަލަސްތީނާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް އެމެރިކާއިން ދޭ އެހީ ހުއްޓާލާނެކަމަށް ވިދާޅުވެ ޓްރަމްޕު ދެއްވި އިންޒާރަށް ރައްދު ދެއްވައި އުރުދުޣާން ވިދާޅުވީ ތުރުކީން އެމެރިކާ ޑޮލަރަށް ނުވިކޭނެކަމަށެވެ.
" ބައްލަވާ ޓްރަމްޕް ތުރުކީއަށް ލިބިފައިވާ ޑިމޮކްރެޓިކް ހައްގެއް އެމެރިކާ ޑޮލަރަކުން ނުގަނެވޭނެ. އަޅުގަނޑު އުއްމީދުކުރަން އެމެރިކާއަށް ވޯޓުގައި ކާމިޔާބު ނުލިބޭނެ ކަމަށް. ދުނިޔެއިން މިފަހަރު އެމެރިކާއަށް ވަރަށް ވަރުގަދަ ފިލާވަޅެއް ދޭނެ،" އުރުދުޣާން ވިދާޅުވިއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫރު ކެވްސޮގްލު މިއަދު ވިދާޅުވީ ގުދުސްގެ މައްސަލައިގައި އެމެރިކާ އެކެހެރިވުމުގެ ސަބަބުން މިހާރު ފެންނަނީ ގައުމުތަކަށް އިންޒާރުދޭތަން ކަމަށެވެ.
ގުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ. ގެ އާންމު މަޖިލީހުގައި ވޯޓުދޭ ގައުމުތަކަށް އެހީ ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
"އެމީހުން އަހަރެމެން އަތުން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ނަގާފަ ވެސް ވޯޓު އެ ދެނީ އަހަރެމެންނާއި ދެކޮޅަށް. އަހަރެމެން ދާނީ ވޯޓު ވަރަށް ގާތުން ބަލަމުން. އަހަރެމެންނާ ދެކޮޅަށް ވޯޓު ދީފިނަމަ ވަރަށް ގިނަ ފައިސާ ރައްކާކުރެވޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް މި އިންޒާރު ދީފައިވާއިރު މީގެ ކުރިން އެ ގަރާރުގައި ޕަލަސްތީނާ އެއްކޮޅަށް ވޯޓުދޭ ގައުމުތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން އ.ދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހަލޭވެސް ވަނީ ވިދާޅުވެފައެވެ.
އެ ގަރާރުގައި ވޯޓުދޭ ގައުމުތަކުގެ ނަންތައްވެސް ނޯޓުކުރާނެ ކަމަށް ވިދާޅުވެ ބުން ހަލޭ ވަނީ ޓްވީޓް ކޮށްފައެވެ.
މަސްދަރު: އާރުޓީ