މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވި ޕެރޫގެ ގައުމީ ޓީމުގެ ކެޕްޓަން ޕައޮލޯ ގުރެއިރޯގެ ސަސަޕެންޝަން ފީފާއިން ކުޑަކޮށްދީފިއެވެ.

ފީފާ އިން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 12 މަސްދުވަހުގެ މުއްދަތަކަށް ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ކަމަކުން ގުރެއިރޯ ސަސްޕެންޑް ކޮށްފައެވެ. އޭނާ ކޮކެއިންއަށް ޕޮސިޓިވްވީ އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އާޖެންޓީނާގެ ބޮއިނިސް އައިރިސްގައި ކުޅުނު ކޮލިފައިން މެޗަށް ފަހު ކުރި ޓެސްޓްތަކެއްގައެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގުރެއިރޯ އެ އިދާރާގެ އެޕީލް ކޮމިޓީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށްފަހު 12 މަސް ދުވަހުގެ ސަސްޕެންޝަނަކީ އެ ކުށަށް ދޭންޖެހޭ ވަރަށްވުރެ ބޮޑު ސަސްޕެންޝަނަކަށްވާތީ އެ ނިންމުން އަނބުރާ ގެންގޮސް އޭނާގެ ސަސްޕެންޝަން ހަ މަސްދުވަހަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ފީފާއިން އެ ސަސްޕެންޝަނުގެ މުއްދަތު ކުޑަނުކުރިނަމަ އޭނާއަށް އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕުގައި ނުކުޅެވޭނެއެވެ. ނަމަވެސް މިހާރު ފީފާއިން ނިންމާފައިވާ ގޮތުން އޭނާއަށް ޕެރޫގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނިގެން ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ސަސްޕެންޝަނުގެ ސަބަބުން ގުރެއިރޯ އަށް ކްލަބުގެ އެއްވެސް މެޗެއް ނުކުޅެވޭނެއެވެ. ހަމައެހެންމެ އޭނާއަށް ޕެރޫއިން ކުޅޭ އެއްވެސް ރަހުމަތްތެރިކަމުގެ މެޗެއްގައި ވެސް ނުކުޅެވޭނެއެވެ.

ގުރެއިރޯ އަކީ ޕެރޫގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާވަނީ ގައުމީ ޓީމަށް ކުޅުނު 83 މެޗުގައި 32 ލަނޑު ޖަހައިދީފައެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 1958 ވަނަ އަހަރުގެ ފަހުން ޕެރޫ ވޯލްޑް ކަޕުގައި ވާދަކުރާނެ ފުރަތަމަ ފަހަރަށެވެ. ވޯލްޑް ކަޕަށް ކޮލިފައިވި ދުވަހު ޕެރޫގެ ރައީސް ވަނީ އެ ދުވަހަކީ އެ ގައުމަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.