އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ޓިކެޓް ވިއްކުން ދެވަނަ ފިޔަވައްސަކަށް ހުޅުވާލިއިރު މިހާތަނަށް އިނގިރޭސިވިލާތުގެ ސަޕޯޓަރުން ގަތީ އެންމެ 12،500 ޓިކެޓު ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ބުނެފިއެވެ.

ވޯލްޑް ކަޕްގެ ޓިކެޓު ވިއްކުމުގެ ދެވަނަ ފިޔަވަހި ހުޅުވާލާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ގޮތުން މިހާތަނަށް 2.3 މިލިއަންއަށް ވުރެ ގިނަ މީހުން ޓިކެޓަށް އެދިފައިވާއިރު، މި އަދަދުގެ 0.5 އިންސައްތަ މީހުންނަކީ އިނގިރޭސިން ކަމަށް ފީފާއިން ބުނެއެވެ. ދެވަނަ ފިޔަވަހި ބަންދު ވާނީ އަންނަ ޖަނުއަރީ މަހުގެ ނިޔަލަށެވެ.

އެންމެ ގިނަ ޓިކެޓް ރިކުއެސްޓް އައިސްފައިވަނީ ރަޝިއާގެ ރައްޔިތުންގެ ފަރާތުންނެވެ. އަދި އެ ގައުމުގެ ފަހަތުން ދެން އެންމެ ގިނައިން ޓިކެޓް ގަތުމަށް ރިކުއެސްޓް އައިސްފައިވަނީ އާޖެންޓީނާ، މެކްސިކޯ، ޕެރޫ، ބްރެޒިލް، ކޮލޮމްބިއާ، އެމެރިކާ، ސްޕެއިން، ޖަރުމަނު، މިސްރު އަދި ޗައިނާގެ ރައްޔިތުންގެ ފަރާތުން ކަމަށް ވެސް ފީފާއިން ހާމަކޮށްފައިވެއެވެ.

ވޯލްޑް ކަޕުގެ ޓިކެޓް ވިއްކުން ފީފާއިން ވަނީ ތިން ފިޔަވައްސަކަށް ބަހާލާފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ފީފާއިން ޓިކެޓް ވިއްކަން ހަމަޖެއްސީ އޮންލައިންކޮށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހާ ހަމަޔަށް ފީފާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ރިޒާވް ކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. މި ފިޔަވަހީގައި ޓިކެޓް ރިޒާވް ކުރި މީހުންނަށް ޓިކެޓް ގެރެންޓީވިކަން މި ނިމުނު ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އަންގާފައިވާނެ ކަމަށް ފީފާއިން ބުންޏެވެ.