21 Dec 2017, 19:13
ތެހެރާން (21 ޑިސެމްބަރު): އެމެރިކާއިން ވިއެޓްނާމް ހަނގުރާމައިގައި ބަލިވި ގޮތަށް، ސައުދި އަރަބިއާ އިންދަނީ ޔަމަނު ހަނގުރާމައިގައި ބަލިވެ ނިކަމެތިވަމުން ކަމަށް އިރާނުގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އިރާނުގެ ރޫހީ ލީޑަރު އަޔާތުﷲ ޚާމަނާއީގެ ލަފާދެއްވާ އިސް ބޭފުޅެއް ކަމަށްވާ އަލީ އަކުބަރު ވަލިޔަތީ، އަލް އަލަމް ނިއުސްއަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ، ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާއިން އެންމެ ޒަމާނީ ހަތިޔާރު ބޭނުންކުރިކަމުގައި ވިޔަސް އެ ގައުމަށް އެންމެ ފަހުން ޖެހުނީ ބަލި ގަބޫލުކޮށް ވިއެޓްނާމުން ފައިބަން ކަމަށެވެ. އަދި ޔަމަނު ހަނގުރާމަ ދެވަނަ ވިއެޓްނާމް ހަނގުރާމައަކަށްވެ ނިމިފައިފައިވާ ކަމަަށް އޭނާ ވިދާޅުވިއެވެ.

ސައުދީން ޔަމަނުގެ ވަރިރަށް ސަނާއަށް ކެނޑިނޭޅި ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އިމާރާތްތައް ފުނޑުފުނޑުވެފައި --
"ސައުދީ އަރަބިއްޔާއަކީ އެމެރިކާއަށް ވުރެ ވަކި ބާރުގަދަ ގައުމެއް ނޫން. އަދި ޔަމަނުގެ ރައްޔިތުން ވަކި ބާރުދެރައެއް ނުވާނެ ވިއެޓްނާމް ރައްޔިތުންނަށްވުރެ،"އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ އާޚިރުގައި ޔަމަނުގެ ރައްޔިތުން ސައުދީގެ މައްޗަށް ކާމިޔާބު ހޯދާނެ ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ސައުދީން ޔަމަނާ ދެކޮޅަށް ހަނގުރާމަކުރަމުންދާއިރު މިހާތަނަށް ސައުދީއަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ހަނގުރާމައާއެކު ސައުދީގެ ބަޖެޓް ވެސް ވަރަށް ބޮޑަށް ވަނީ ދަރަނިވެރިވެފައެވެ. އަދި ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމުގެ ގޮތުން ސަބްސިޑީތައް ކަނޑާލައި އެތަކެއް ޕްރިންސުންނާއި އަދި ވިޔަފާރިވެރިން ހައްޔަރުކޮށް އެމީހުންގެ މުދާތައް ސަރުކާރަށް ވަނީ ނަގައިފައެވެ.
ޔަމަނުގެ ހޫޘީން ދާދި ފަހުން ސަައުދީގެ ވެރިރަށް ރިޔާޒަށް ފޮނުވާލި ބެލިސްޓިކް މިސައިލަކީ އިރާނުން ފޯރުކޮށްދިން މިސައިލެއް ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކައަކީ ބުހުތާނު ދޮގުކަމަށް އިރާނުން ވަނީ ބުނެފައެވެ.
އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހާލޭ ވިދާޅުވީ، ހޫޘީން ފޮނުވާލީ މިސައިލަކީ ސީދާ އިރާނުން ފޯރުކޮށްދިން އެއްޗެއްކަން އެނގޭނެ ހުރިހާ ހެއްކެއް އެބަހުރި ކަމަށެވެ.
މުރާސިލުން ބުނާގޮތުގައި މިފަހަރުގެ ހަމަލާއާއެކު ސައުދީއާ އިރާނުގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެއެވެ.
ސައުދީން ޔަމަނަށް 2015 އިން ފެށިގެން ދޭންފެށި ހަމަލާތަކާއެކު ޔަމަނުގައި މިހާރު ވަނީ އިންސާނީ ބޮޑު މުސީބާތެއް ޖެހިފައެވެ. އެގައުމުން މިހާތަނަށް ވަނީ 12،000 ވަރަކަށް މީހުން މަރުވެފައެވެ.
މަސްދަރު: ޕްރެސްޓީވީ