ކޮލަމްބޯ ( 21 ޑިސެމްބަރު): ސްރީލަންކާގެ ހަންބަންޓޯޓާ ބަނދަރު ޗައިނާއާ ހަވާލުކޮށްފައިވާތީ އެކަމާ ދޮކޮޅަށް އެބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުން މުޒާހަރާކޮށްފިއެވެ.

ލަންކާއިން ޗައިނާ ސަރުކާރަށް އެބަނދަރު ހަވާލުކޮށްފައިވަނީ 99 އަހަރަށެވެ. ޗައިނާއާއެކު ލަންކާއިން ހެދި އެއްބަސްވުމުގެ ދަށުން އެ ބަނދަރުގެ ބޮޑުު ހިއްސާއެއް ލިބޭނީ ޗައިނާއަށެވެ. ޗައިނާގެ މާޗެންޓް ޕޯޓްސް ހޯލްޑިންގްސް ކުންފުންޏަށް އެ ބަނދަރުގެ 85 ޕަސެންޓް ހިއްސާ ލިބޭއިރު، ސްރީލަންކަން ޕޯޓްސް އޮތޯރިޓީއަށް ލިބެނީ އެންމެ 15 ޕަސެންޓެވެ.

ޗައިނާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ބަަނދަރު އޮޕަރޭޓްކުރުމަށް ހަންބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް (އެޗްއައިޕީޖީ) އަދި ހަންބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ސާވިސާސް (އެޗްއައިޕީއެސް) އާ ވަނީ ހަވާލުކޮށްފައެވެ.

ސްރީލަންކާއިން ޗައިނާއާ އެ ބަނދަރު ހަވާލުކުރީ 293 މިލިއަން ޑޮލަރަށެވެ. ޗައިނާއިން ވަނީ އެ ބަަނދަރަށް 1.12 ބިލިއަން ޑޮލަރު އިންވެސްޓުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ލަންކާއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަގު އަށް ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

ޗައިނާ އަށް އެ ޕޯޓް ހަވާލުކުރުމާ ބެހޭ ގޮތުން ޕާލަމެންޓުގައި ރަނިލް ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ދަރަނިތައް އަދާކުރެވޭނެކަމަށެވެ.

އެ ބަނދަރުގެ ސަބަބުން ޗައިނާ އިން އިފްތިތާހު ކޮށްފައިވާ ބެލްޓު އެންޑް ރޯޑް އިނީޝިއޭޓިވް އިން ޗައިނާއާ ޔޫރަޕާ ގުޅުވައިދިނުމުގައި އެ ބަނދަރު މުހިންމު ދައުރެއް އަދާކުރާނެ އެވެ.

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި މިއީ އެ ގައުމުގެ ޚަރުމުދާތައް ވިއްކާލުން ކަމަށާއި އެ ބަނދަރު އޮޕަރޭޓް ކުރާއިރު ޗައިނާ އަށް ދިން ޓެކްސްގެ ލުއި ނިޒާމަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

(މަސްދަރު: ކޮލަމްބޯގެޒެޓް)