ރާއްޖެއާ ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފަދަ ލިޔުމެއް، އޮންލައިން ނޫހަކުން ޝާއިއުކުރި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަން ފަށައިފިއެވެ.

މީޑިއާ ކައުންސިލުން މިއަދު މިހެން ބުނެ، ބަޔާނެއް ނެރެފައިވަނީ އިންޑިއާއަކީ ރާއްޖޭގެ އަދުއްވެއް ކަމަށް ބުނެ، މިހަފްތާގައި އޮންލައިން ނޫސް "ވަގުތު"އިން ލިޔުމެއް ޝާއިއުކޮށްފައި ވަނިކޮށެވެ. އެ ލިޔުން ކުށްވެެރިކޮށް، އިދިކޮޅު ސިޔާސީ ޕާޓީތަކާއި، ކުރީގެ ދެ ރައީސުން ކަަށްވާ މުހައްމަދު ނަޝީދު އަދި މައުމޫން އަބްދުލްގައްޔޫމް ވަނީ ޓްވީޓުވެސް ކުރައްވައިފައެވެ.

"ވަގުތު"ގައި ޝާއިއުކުރި އެ ލިޔުން މިހާރު ވަނީ ނަގައިފައެވެ.

މީޑިއާ ކައުންސިލުން ބުނީ ޚާރިޖީ ގުޅުމަށް ބުރޫ އަރާފަދަ ލިޔުމަކާ ގުޅޭ ޝަކުވާތައް އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

"ދިވެހިރާއްޖެއާ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާ، ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފަދަ ވާހަކަތައް ޝާއިއުކުރުމަކީ، ގައުމީ ސަލާމަތަށާއި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމެކެވެ،" މީޑިއާ ކައުންސިލުން ބުންޏެވެ.

އަބުރު ރައްކާކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި، ޚިޔާލު ފާޅުކުރުން ހަނިކުރެވޭ ހާލަތްތަކުގެ ތެރޭގައި "ޤައުމީ ސަލާމަތަށް ނުރައްކާ ކުރުވާ ޚިޔާލު" ފާޅުކުރުން ހިމެނޭ އިރު، މީޑިއާ ކައުންސިލުން ބުނީ ގާނޫނުގެ ދަށުން ޚިޔާލު ފާޅުކުރުން ހަނިކުރެވޭ ހާލަތަކަށް އެއްވެސް މީޑިއާއަކުން ނުވަނުމަށް މީޑިއާ ކައުންސިލުން ވަނީ އަންގައިފައެވެ.

އަދި ޚާރިޖީ ގުޅުންތަކަށް ހީނަރުކަން އަންނާނެފަދަ ކޮންޓެންޓް ޝާއިއުނުކުރުމަށާއި، އެފަދަ ކަންކަމަށް ހިތްވަރު ނުދިނުމަށްވެސް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.