މި ދުވަސްވަރަކީ ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރު ކަމަށްވާތީ މި ބަންދުގައި ދަތުރުފަތު ކުރުމާއި އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ އާ އެކީ މީހާގެ އާއްމު ސިއްހަތަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާކުގައި ސިއްހީ ގޮތުން ސަމާލުވާން އެތައް ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.

ސަމާލުވާންވީ ކަންތައްތައް

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާ ކުރުން
- ރޯގާޖެހި ކެއްސާ ނަމަ، މީހުން އެއްވެއުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
- ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި އެކުދިން އުރާ ނުހެދުން
- އާންމު ސާފުތާހިރުކަމަށް، ހާއްސަކޮށް ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން، ފާހަނާކޮށް ނިމިގެން، ނެޕީ ބަދަލުކޮށް ނިމުމަށް ފަހު
ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
- ކުނިވާޒާތުގެ ކާނާ އާއި އެހެނިހެން ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން
- ބަލިވެ އުޅޭ ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަންނަށް ނުގޮސް މަޑުކުރުން
- އަތާއި ފަޔާއި އަނގައިގެ ބައްޔާއި ފާނަބަސަންދު ފަދަ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައިވާ ނަމަ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުން
- މަދިރި އާލާވުމަށް މަގުފަހިވާ ގޮތަށް ހުސްފުޅިއާއި ދަޅުފަދަ ތަކެތި ނޫކުން
- މަދިރިން ސަލާމަތްވުމަށް ޓަކައި ނިވައިކަން ބޮޑު، ގަޔަށް ދޫ ހެދުން ލުން
- މަދިރި ގިނަވާ ވަގުތުތައް ކަމަށްވާ ފަތިހާއި ހަވީރު ގޭގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލެއްޕުން
- މަދިރި ދުންދަނޑިއާއި މަދިރި މަރާ އާތްވާއި މަދިރި ލޯޝަން ފަދަ ބާވަތްތައް ބޭނުންކޮށް މަދިރިން ސަލާމަތްވުން
- އަމިއްލަ ގޭ ނޫން ތަންތަނުގައި ކައިބޮއެ އުޅުމުގައި އެ ތަންތަނުގެ ސާފުތާހިރުކަން ހުރި ނެތްގޮތް ބަލެމާ އެކު ގޭގައި ކެއްކުމުގައި ސާފުތާހިރުކަމަށް އިސްކަން ދިނުން.

ބޮޑު ޗުއްޓީ ދުވަސްވަރަކީ ގިނަ އަދަދަކަށް މީހުން ރާއްޖެ އިން ބޭރަށް ދިޔުމުގެ އިތުރުން ގިނަ ބައެއް އުމްރާ އަށް ވެސް ގޮސް އުޅޭ ދުވަސްވަރެކެވެ. އެހެންކަމުން މަތީގައިވާ ކަންތައްތަކަށް އިސްކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.