މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމާ އާއިލާއިން ދެކޮޅުކަމަށް އަޒްލީނާގެ އާއިލާއިން ބުނެފިއެވެ.

ސަން އާ ވާހަކަ ދެއްކި އަޒްލީނާގެ ބޭބެއަކު ބުނީ މީގެ ކުރިން ފިލްމު އުފައްދަން ވާހަކަ ދެއްކީ އެ ހާދިސާގެ މައްޗަށް ކަމަށާ، ފަހުން އެ ހާދިސާ އަސްލަކަށް ބަލައިގެން ފިލްމެއް އުފައްދާ ވާހަކަ ދެއްކީ ކަމަށެވެ.

"އާއިލާގެ މީހުން ބޭނުމެއް ނޫން އެ ހާދިސާ އަށް ފިލުމު ހަދައި ވިޔަފާރި ކުރާކަށް. އަޅުގަނޑުމެންގެ މަންމަވެސް ދުނިޔޭގައި އެބައިން. އެ ވަހާކަ [އަޒްލީނާގެ މަރުގެ ވާހަކަ] ދައްކާ ކޮންމެ ފަހަރަކު ވަރަށް އުނދަގޫވޭ. މަންމަ އަށްވެސް ވަރަށް އަސަރުކުރޭ،" އަޒްލީނާގެ ބޭބެ ބުންޏެވެ.

އަޒްލީނާ

"މުޖްތަމައުގެ މައްސަލައަކަށް މެސެޖެއް ދިނުމަށް ޑޮކިއުމެންޓްރީ އެއް ހެދިދާނެ އެ ހާދިސާ އަސްލަކަށް ބަލައިގެން. އެކަމަކު ފިލްމެއް ހަދައި، އެ ވިޔަފާރިއަށް ބޭނުން ކުރަން އާއިލާގެ އެކަކުވެސް ގަބޫލެއް ނޫން،"

އަޒްލީނާގެ މަރުން "އިންސްޕަޔާ" ވެގެން ފިލްމެއް އުފައްދަން އުޅޭކަން އިއުލާނުކުރީ އެންސީއޭގެ ކުރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުރި ފިލްމީ ތަރި އަބްދުﷲ މުއާޒެވެ.

އަޒްލީނާގެ ބޭބެ ބުނީ ފިލްމު ހަދަން އާއިލާއިން ބޭނުން ނުވާތީ، އެކަން މުއާއާ ހިއްސާ ކުރަމުންދާ ކަމަށެވެ.

އަޒްލީނާގެ އާއިލާއިން އެދެނީ އެ ހާދިސާއަށް ފިލްމު ހެދުން ހުއްޓާލުމަށެވެ. އެކަމާ ގުޅިގެން މުއާއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ މުއާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އަޒްލީނާ މަރައިލުމުގައި ބައިވެރިވި ޒުހައިރު--

މީގެ ކުރިން ސަންއަށް ދިން އިންޓަވިއުއެއްގައި މުއާ ބުނީ ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. ލީޑް އަންހެން ތަރިއަކަށް މަރިޔަމް އައްޒަ ހަމަޖައްސާފައިވާ ކަމަށާއި، އެހެން ތަރިންވެސް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް މުއާ އޭރު ބުންޏެވެ. މުއާ އޭރު ބުނީ ފިލްމު ހަދަނީ އަޒްލީނާގެ މަރުގެ މައްސަލައިން "އިންސްޕަޔާ" ވެގެން ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ މަސްތެރޭ ޝޫޓިން ނިންމައި އަހަރުގެ މެދުތެރެއިން ފިލްމު ސްކްރީނަށް ގެނައުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިއީ މުޖްތަމައުގައި މިހާރު ވެސް ހިނގާ މައްސަލަތަކަށް އަލިއަޅުވާލާނެ ފިލްމެއް. އިންސާނީ ހުދޫދުގެ ބޭރުން މި ހިނގާ މީހުން މެރުމާއި މާރާމާރި ފަދަ ކަންތައް، މީހުންނަށް އިހުތިރާމް ނުކުރުން ފަދަ ކަންތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައި އިންނާނެ،" ކުރިން ދިން އިންޓަވިއުގައި މުއާ ބުންޏެވެ.

މީގެ އިތުރުން ފިލްމުގައި އަޒްލީނާގެ އާއިލާއިން ބޭނުންނުވާ މަންޒަރުތައްވެސް ނުހިމަނާނެ ކަމަށާއި އަޒްލީނާގެ ކުރީގެ ދިިރިއުޅުންވެސް ނުފެންނާނެ ކަމަށް މީގެ ކުރިން މުއާ ވަނީ ބުނެފައެވެ. އޭނާ ބުނީ ފިލްމު ހަދަނީ ހަމައެކަނި އެ ހާދިސާ އަސްލަކަށް ބަލައިގެން ކަމަށެވެ.