21 Dec 2017, 15:16
ބްރަސެލްސް(ޑިސެމްބަރު 21): ސައުދީ އަރަބިއާއަށް އަންހެން ސަފީރަކު އައްޔަން ކުރާ ފުރަތަމަ ގައުމަކަށް ބެލްޖިއަމް ވެގެންދާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ބެލްޖިއަމްގެ ދައުލަތުގެ ބްރޯޑްކާސްޓަރު، ވީއާރުޓީން ބުނި ގޮތުގައި ސައުދީ ސަފީރުގެ މަގާމަށް އައްޔަން ކުރަން ހަމަޖެހިފައި ވަނީ މިހާރު ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ސަފީރުގެ ގޮތުގައި ހުންނެވި ޑޮމިނިކް މިނެއުއާ އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގެން، ސައުދީއަށް ވަޑައިގަންނަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށް ވީއާރުޓީން ބުންޏެވެ.
އެނޫހުން ބުނި ގޮތުގައި ބެލްޖިއަމްގެ އެ ނިންމުމަކީ ސައުދީ އަރަބިއާގެ މަސައްކަތުގެ މާހައުލުގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތު ކުރުންތައް ބަދަލު ކުރުމަށް ދިން ސިގްނަލެކެވެ.
ސައުދީ އަރަބިއާއިން ދާދި ފަހުން އަންހެނުންނަށް ކާރު ދުއްވަން ހުއްދަ ދިން ނަމަވެސް އެގައުމުގެ އަންހެނުންނަށް ގައުމުން ބޭރަށް ދަތުރުކުރެވޭނީ ފިރިހެނަކާ އެއްކޮށެވެ. (ބީބީސީ)