މީގެ ކުރިން ނުހިންގާ މިންވަރަށް މި ސަރުކާރުން މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި 2050 ސްކޮލާޝިޕް އިފްތިތާހްކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިރުމެއްވާނަމަ އުންމީދެއް ވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެ ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ހެއްދެވުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ހަތަރު އަހަރު އެކި ދާއިރާތަކުން ޖުމްލަ 3387 މީހުން ތަމްރީން ކޮށްފައިވާ ކަމަށާއި 500 ނަރުހުން ތަމްރީނު ކުރުމުގެ ހާއްސަ މަސައްކަތެއް މިހާރު ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ކުއްޖަކުވެސް ބާކީ ނުކޮށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް އެންމެންނަށް މިއަދު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ތައުލީމީ ފެންވަރު މަތިކުރުމަށް ސްކޫލުތަކުގައި ކިޔަވާދެއްވާ މުދައްރިސުންގެ މަގާމުގެ އަސާސީ ޝަރުތަކީ ޑިޕްލޮމާ ކަމަށް ހަމަޖައްސައިފައިވާނެ ކަމަށާއި އެ ސަނަދު ނެތް 1123 މުދައްރިސުން، ތަމްރީން ކޮށްފައިވާކަމަށެވެ.

ތިންހާސް މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ލެބޯޓްރީ ޓެކްނޮލޮޖީއާއި ރޭޑިއޯ ގްރަފީގެ ދާއިރާ އިން މީހުން ތަމްރީނު ކުރަން އަވަސް މުސްތަގްބަލެއްގައި ފަށްޓަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފާތުވެދިޔަ ހަތަރު އަހަރުގެ މަސައްކަތަކީ ބުރަ، އެހެންމަވެސް އުފާވެރި މަސައްކަތެއް. ވަޒީފާ އަކަށް އިންތިހާއަށް ބޭނުންވެފައި އެހެންނަމަވެސް އެ ކަމަށް ބޭނުންވާ ތަމްރީން ނެތުމުގެ ސަބަބުން މާޔޫސްވެފައިވާ އެތައް ޒުވާނުންގެ މޫނު މައްޗަށް މި ސަރުކާރުން މިއަދު މިވަނީ އުފާވެރިކަން ގެނެސްދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާތުވެދިޔަ ހަތަރު އަހަރުގެ ކާމިޔާބު މަސައްކަތާ އެކު ކުރިއަށް ދިޔުމުގެ އަޒުމު ސަރުކާރުން އޮތް ކަމަށާއި ދިވެހި ޒުވާނަކަށް ބޭނުންވާ އުންމީދުގެ ބައްތި ދިއްލާލެވިދާނެ ކޮންމެ ދިމާއަކަށް އެ ފަދަ މަސައްކަތެއް ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އުފާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.