21 Dec 2017, 13:44
މެލްބަން (ޑިސެމްބަރު 21): އޮސްޓްރޭލިއާގެ މެލްބަންގައި ކާރަކުން ޖައްސައި 13 މީހަކު ޒަހަމްކޮށްލުމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އޮސްޓްރޭލިއާގެ ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ހައްޔަރުކޮށްފައި ވަނީ ކާރު ދުއްވަން އިން މީހާ އާއި އިތުރު މީހެކެވެ. ނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ފުލުހުން ބުނެފައި ނުވެ އެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ކާރު ދުއްވާފައި ދިޔައީ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓަ އެވެ. އަދި ކާރު ދުއްވަން އިން މީހާ ދިޔައީ ދުވާރު މަތިން ހިނގާފައި ދިޔަ މީހުންގެ ގައިގައި ޖައްސަމުން ކަމަށް އެފަރާތްތަކުން ބުންޏެވެ.
މެލްބަންގެ އެމްބިއުލާންސް ސާވިސަސް އިން ވަނީ އެ ހާދިސާގައި އަނިޔާވި 13 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ޕްރީ ސްކޫލް އުމުރުގެ ކުއްޖެއް ވެސް ހިމެނޭ ކަމަށް ބުނެފަ އެވެ.
މިދިޔަ ޖެނުއަރީ މަހު މެލްބަންގައި ވަނީ ކާރަކުން ޖައްސައި ހަ މީހަކު މަރާލައިފަ އެވެ. (ބީބީސީ)