ޓޫރިސްޓު ރިސޯޓު ހެދުމަށް ކުއްޔަށް ދޫކުރާ ފަޅުތައް ހިއްކައިގެން ތަރައްގީކުރާ ރިސޯޓުތަކުގެ ބޭނުމަށް އަންނަ ޔޮޓު އުޅަނދުފަހަރަށް ޚާއްސަކޮށްގެން ޔޮޓު މެރީނާތަކެއް ތަރައްގީކުރަންޖެހޭ ގޮތަށް، ޔޮޓު މެރީނާ ހަދައި ހިންގުމާ ބެހޭ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ދެހާސް ފަސް ވަނަ އަހަރު އެކުލަވާލާފައިވާ "ރާއްޖޭގައި ޔޮޓު މެރީނާ ހަދައި ހިންގުމާ ބެހޭ ގަވައިދަ"ށް މިހަފްތާގައި ޓޫރިޒަމް މިނިސްޓްރީން ގެނެސްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ، ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގައި ހަދާ ޔޮޓު މެރީނާތައް ހުންނަންޖެހޭނީ އެންމެ ގިނަވެގެން 20 އުޅަނދަށް ބަނދަރުކުރެވޭ ގޮތަށް ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ، 20 އުޅަނދަށް ޖާގަ އޮންނަ ގޮތަށް ހަދާ މި ބަނދަރުތައް ބޭނުންކުރެވޭނީ، ރާއްޖޭގައި ފަޅު ހިއްކައިގެން ތަރައްގީކުރާ ރިސޯޓުތަކުގެ ބޭނުމަށް އަންނަ އުޅަނދުފަހަރަށް އެކަނި ކަމަށެވެ.

ރާއްޖޭގައި ފަޅު ހިއްކައިގެން ގިނަ ޓޫރިސްޓު ރިސޯޓުތަކެއް މިހާރު ވެސް ތަރައްގީކޮށްފައިވާ އިރު، ފަޅު ހިއްކައިގެން ރިސޯޓު އެޅުމުގެ ބޮޑެތި މަޝްރޫއުތަކެއް މިހާރު ވެސް ކުރިޔަށް އެބަ ދެއެވެ.

ޔޮޓު މެރީނާ ހަދައި ހިންގުމުގެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ، ހުޅުމާލޭގެ ހޭޅިފަށުން ފެށިގެން 50 ނޯޓިކަލް މޭލުގެ ތެރޭގައި ހަދާ ޔޮޓު މެރީނާތައް ވާންޖެހޭނީ، އިސްލާހުގައި ފާހަގަކޮށްފައިވާ 20 އުޅަނދުގެ ޖާގައިގެ ބަނދަރުތަކައް ކަމަށާއި އެއަށް ވުރެ ގިނަ އުޅަނދު ބަނދަރުކުރެވޭ މެރީނާއެއް އެ ސަރަހައްދުގައި ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ހުޅުމާލޭގައި ޔޮޓު މެރީނާއެއް ތަރައްގީކުރާ ނަމަ، އެތަނެއް މިކަންކަމުން އިސްތިސްނާ ވާނެ ކަމަށާއި އެ އިސްލާހުގައިވެ އެވެ.