ޑިޕާޓްމަންޓް އޮފް ހަޔާ އެެޑިޔުކޭޝަނުން ކިޔެވުމަށް ދޫކުރަން ނިންމާފައިވާ 2050 ސްކޮލާޝިޕް ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

"ޕްރޮމޯޓިން ސްކިލްސް ފޯދަ ފިއުޗާ"ގެ ނަމުގައި ސަރުކާރުން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ 2050 ސްކޮލާޝިޕް ފުރުސަތު އިފްތިތާހު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ.

ސެޓިފިކެޓް ލެވެލް އިން ފެށިގެން ޑިޕޮލަމާއާ ހަމައަށް ކިޔަވައިދޭ އެ 2050 ސްކޮލާޝިފް ފުރުސަތަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ޖުލައި މަހުގެ 31 އަށް ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.

ރަސްމިއްޔާތުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްކޮލާޝިޕްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އެ ފުރުސަތުތަކަކީ ކޮންމެ ޒުވާނަކަށް ވެސް ވަރަށް ބޭނުންތެރި ފުރުސަތުތަކެއް ކަމަށާއި ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަސިޓީތަކުގައި ކިޔެވުމަށް ޓިއުޝަން ފީ ހިލޭ ހަމަޖައްސައިދޭނީ ދައުލަތުން ކަމަށެވެ.

"މިއީ ޒުވާނުންނަށް ރަނުގެ ފުރުސަތުތަކެއް. ކޮންމެ ކުއްޖަކު ވެސް ހަމަ އެ ކުއްޖެއް ބޭނުންވާ ދާއިރާ އަކުން މައުލޫމާތު ހޯދައިގެން އެޕްލިކޭޝަން ފުރިހަމަ ކުރަންވީ. އެޕްލިކޭޝަން ލިބޭ ވަރަކުން އެޕްރޫވްކޮށް އެ ކުދިންނަށް ލިޔުން ހަވާލުކުރާނަން. ދެން އަންނަ ޖަނަވަރީ އިން ފަށައިގެން ހަމަ ކިޔަވަންވީ،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ކޮންމެވެސް ހިސާބަކުން ކިޔަވަން ފަށަން ޖެހޭނެ ކަމަށާއި އެމްކިއުއޭ ގަބޫލުކުރާ ކޮންމެ ކޮލެޖަކުން ވެސް އެ ކުއްޖަކު ބޭނުންވާ ދާއިރާ އަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކްސްޕޯގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނަޒީރު ވިދާޅުވީ އޮންލައިންކޮށް އެޕްލިކޭޝަނަން އެޕްލައި ކުރެވޭނެ ކަމަށާއި ގްރޭޑް 7 ނިންމާ ކޮންމެ ދަރިވަރަކަށް ވެސް ސްކޮލާޝިޕަށް ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިއަދު ވަނީ އެ ސޮކޯލާޝިޕާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެކްސްޕޯއެއް ވެސް މިއަދު ދަރުބާރުގޭގައި ހުޅުވައިފަ އެވެ. އެ އެކްސްޕޯ މިރޭ 10 ޖަހަންދެން ކުރިއަށްދާނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.