21 Dec 2017, 11:35
ފަލަސްތީނުގެ ގުދުސަކީ އިސްރާއިލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާ ގަރާރު ރާއްޖެއިން ކޯ ސްޕޮންސާ ކޮށްފި އެވެ.
ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުދުސް މައްސަލާގައި ބައެއް އަރަބި ގައުމުތަކުން ހުށަހެޅި ގަރާރު ރާއްޖެ އިން ކޯ ސްޕޮންސާ ކޮށްފައިވާ ކަމަށެވެ. އަދި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ބުނާ ބުނުން ތަކުރާރުކޮށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން މިއަދު ބަޔާނެއް ދެއްވާނެ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފަ އެވެ.
Jerusalem will take center stage at UNGA today#Maldivesco-sponsored Resolution declaring null & void any action to alter status of the Holy City. Maldives will deliver a statement at the Session reiterating its position that EastJerusalem as the Capital of Palestine#Mdv4UNS
— Ali Naseer Mohamed (@AlinyMohamed)December 21, 2017
ގުދުސް މައްސަލައާ ގުޅިގެން ހުށަހެޅި ގަރާރަށް އެމެރިކާ އާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް ދޭ އެހީ ކަނޑާލާނެ ކަމަށް އެމެރިކާ އިން ވަނީ އިއްޔެ ވަނީ ބުނެފަ އެވެ.
އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހާލޭ އދ.ގެ މެމްބަރުންނަށް ފޮނުވި މި އިންޒާރުގެ ސިޓީގައި ބުނެފައި ވަނީ މާދަމާ ވޯޓުލުން ކުރިއަށްދާ އިރު އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަމްޕް ވަރަށް ގާތުން އެ މަންޒަރު ބައްލަވަމުން ގެންދަވާނެ ކަމަށާއި އެމެރިކާއާ ދެކޮޅަށް ވޯޓުލީ ފަރާތްތަކުގެ ލިސްޓު އެމަނިކުފާނަށް ފޮނުވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
މި އިންޒާރު އައީ މިދިޔަ ހޯމަ ދުވަހު އދ.ގެ ސަލާމަތާ ބެހޭ މަޖިލިސްގައި ގުދުސްއާ މެދު ޓްރަމްޕް ނިންމި ނިމުމާ ދެކޮޅަށް 14 ވޯޓު ދިނުމާ ގުޅިގެންނެވެ. މި ވޯޓުގައި ޓްރަމްޕާ އެކޮޅަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.
މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ގުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ރަސްމީކޮށް ބަލައިގަތީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. މިއާ އެކު އެމެރިކާ އިން ވަނީ އެގުމުގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ.