21 Dec 2017, 11:32
ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ސްޕެއިން ފޯވަޑް ފެނާންޑޯ ޓޮރޭސް ބުނެފިއެވެ.
މިމަހުގެ ކުރީކޮޅު ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ބެލޮންޑިއޯ އެވޯޑު ހޯދައި، މެސީ އެ އެވޯޑު ހޯދި އަދަދާ އަރާ ހަމަކޮށްފައެވެ. ރޮނާލްޑޯއާއި މެސީ މިހާތަނަށް ވަނީ ފަސް ފަހަރު ބެލޮންޑިއޯ ހޯދައިފައެވެ. ރޮނާލްޑޯއާއި މެސީގެ ކުރިމަތިލުމެއް އަންނަ ހޮނިހިރު ދުވަހު ކުޅޭ އެލް ކްލެސިކޯ މެޗުގައި ފެނިގެންދާނެއެވެ.
ޓޮރޭސް ބުނީ، ރޮނާލްޑޯ ނެތްނަމަ މިހާރު މެސީގެ ކާމިޔާބީގެ އަދަދު ދެގުނަ އިތުރުވެގެން ދިޔައީސް ކަމަށާއި މެސީއާއި ރޮނާލްޑޯއަކީ މުޅިން ތަފާތު ދެ ކުޅުންތެރިން ކަމަށެވެ.
"މެސީ ކާމިޔާބީ ހޯދަމުންދާ އިރު، ރޮނާލްޑޯ ވެސް އެދަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން. ރޮނާލްޑޯ ނެތްނަމަ މިހާރަށްވުރެ މެސީގެ ކާމިޔާބީތައް ދެގުނަ އިތުރުވެގެންދާނެ. އަހަރެން ދެކެނީ މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް. އެ ދެ ކުޅުންތެރިންނަކީ މުޅިން ތަފާތު ދެ ކުޅުންތެރިން،" ޓޮރޭސް ބުންޏެވެ.
ސްޕެނިޝް ލަލީގާގައި ބާސާއިން ނެރެމުންދާ ނަތީޖާތަކުގެ ފަހަތުގައި މެސީގެ ދައުރު ފާހަގަކޮށްލެވެއެވެ. މެސީ ވަނީ ލަލީގާގައި މިހާތަނަށް ބާސާ ކުޅުނު 16 މެޗުން 14 ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯއާއި ބާސާއާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
އަމިއްލަ ދަނޑުގައި ބާސާއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ނުކުންނަ ރެއާލް އޮތީ ލަ ލީގާ ތާވަލުގެ ހަތަރުވަނައިގައެވެ. ރެއާލްއަށް ފައިދާ އެއް މެޗު އޮތް ނަމަވެސް، ބާސާއާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.