21 Dec 2017, 13:27
ރާއްޖޭގެ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޕީސް ފައުންޑޭޝަން އިސްނަގައިގެން ބާއްވަމުން އަންނަ "ދަ ލެގަސީ" ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް ހުސެއިން ޔީގެ ހާއްސަ ތަގުރީރެއް މާލޭގައި ބާއްވަން ނިންމައިފި އެވެ.
މިއީ ބައިނަލްއަގްވާމީ ޝެއިހުން ގެނެސްގެން ދީނީ ދަރުސް ދިނުމަށް ޕީސް ފައުންޑޭޝަނުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށި ދަ ލެގަސީ ޕްރޮގްރާމުގެ ދަށުން ރާއްޖެ ގެންނަ ދެވަނަ ޝެއިހެވެ. އެ ޕްރޮގްރާމުގެ ދަށުން މިދިޔަ ޖުލައި މަހު ރާއްޖެ ގެނައީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އެވެ.
ޕީސް ފައުންޑޭޝަންގެ ރައީސް މުހައްމަދު ނަސްރު މިއަދު ވިދާޅުވީ، އެ ޖަމިއްޔާ އިން މިމަހު ހިންގާ ދީނީ ޕްރޮގްރާމްތަކަކަށް ޝެއިހް ހުސެއިން ޔީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
އޭނާއާ އެކު އޮސްޓްރޭލިއާގެ އިލްމުވެރިއެއް ކަމަށްވާ ޝައިހް އަބްދުލްނަސީމް (އަބޫ މުހައްމަދު ނަސީމް) ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަސްރު ވިދާޅުވި އެވެ.
ޝައިހް ހުސެއިން ޔީ އާއެކު ޕީސް ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ބާއްވާ ހާއްސަ ދީނީ ތަގުރީރެވެ.
އާންމުންނަށް ހުޅުވާލައިގެން އިސްލާމިކް ސެންޓަރުގެ މައިޒާނުގައި އެރޭގެ 8:45ގައި ބާއްވާ ދީނީ ތަގުރީރުގައި ޝެއިހް ޔީ ތަގުރީރު ކުރައްވާނީ "އިސްލާމްސް ރެލެވެންސް ޓުޑޭ" މި މައުޟޫއަށެވެ.
ދީނީ ތަގުރީރުގެ އިތުރުން ޝައިހް ހުސެއިން ޔީ އަދި ޝައިހް ނަސީމް އާ އެކު ޒުވާނުންނާ ގުޅޭ އެކިކަހަލަ ބޭނުންތެރި ކަންކަން ހިމަނައިގެން ހާއްސަ ވޯކްޝޮޕެއް ބާއްވަން ޕީސް ފައުންޑޭޝަނުން ވަނީ ނިންމައިފަ އެވެ.
އަންނަ އަންގާރަ އަދި ބުދަ ދުވަހު "ޕްރޮކްސިމިޓީ ވޯކްޝޮޕް ފޮ ޔޫތް"ގެ ނަމުގައި ބާއްވާ އެ ވޯކްޝޮޕްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ޒުވާނުންނަށް ވަނީ ހުޅުވާލައިފަ އެވެ.
ޒުވާނުންނަށް ހާއްސަ ވޯކްޝޮޕެއްގެ އިތުރުން ޝެއިހް ނަސީމް އާއެކު ކުޑަކުދިންނަށް ރަނގަޅު ގޮތުގައި ނަމާދު ކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ވެސް ޕީސް ފައުންޑޭޝަނުން މިމަހު ވަނީ ރާވައިފަ އެވެ.
"ސުޖޫދް"ގެ ނަމުގައި އަންނަ ހޯމަ އަދި އަންގާރަ ދުވަހު ވިލިމާލޭގައި ބާއްވާ އެ ޕްރޮގްރާމުގައި އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފުރުސަތު ހުޅުވާލައިފައިވާއިރު، އެކަމަށް ރަޖިސްޓްރީ ކުރަން ވަނީ ހުޅުވާލައިފަ އެވެ.