ތެހެރާން(21 ޑިސެމްބަރު): ޔަމަނުގެ ހޫޘީން ދާދި ފަހުން ސަައުދީގެ ވެރިރަށް ރިޔާޟަށް ފޮނުވާލި ބެލިސްޓިކް މިސައިލަކީ އިރާނުން ފޯރުކޮށްދިން މިސައިލެއް ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކައަކީ ބުހުތާނު ދޮގުކަމަށް އިރާނުގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިއާ ޖެނެރަލް އަމީރު ހަތާމީ ވިދާޅުވެއްޖެއެވެ.

އިރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވި ކޮންފަރެންސެއްގައި ހަތާމީ ވިދާޅުވީ އެމެރިކާއިން ދައްކަމުންދާ ބުހުތާނުދޮގު ވާހަަކަތަކުގެ ސަބަބުން، މެދުއިރުމަތީގައި އެމެރިކާ ފެއިލްވެފައިވާވަރު އަންގައިދޭ ކަމަށެވެ.

" އެފަދަ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން އެނގިއްޖެ އެމެރިކާއިން މެދުއިރުމަތީގައި ފެއިލްވެފައިވާ ވަރާއި އަދި އެގައުމުގެ އެއްވެސް އަގެއް ނެތް ކަން. އިރާނުން އެ މައްސަލައިގައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނަން،" ހަތާމީ ވިދާޅުވިއެވެ.

އަޒަރުބައިޖާނުގެ ވެރިރަށް ބަކޫގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިރާނުގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފް ވެސް ވަނީ އެމެރިކާގެ ވާހަކަތައް ވަރަށް ބޮޑަށް ކުއްވެރިކުރައްވައިފައެވެ. ޒާރިފް ވިދާޅުވީ އެ މައްސަލަ އދ.ގެ ސިކިޔުރިޓީ ކައުންސިލަަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

ޒާރިފް އިތުރަށް ވިދާޅުވީ އެމެރިކާއިން މަސައްކަތްކުރަނީ ސައުދީން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާގެ ރޯލް ފޮރުވަންކަމަށެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ނިކީ ހާލޭ ވިދާޅުވީ، ހޫޘީން ފޮނުވާލީ މިސައިލަކީ ސީދާ އިރާނުން ފޯރުކޮށްދިން އެއްޗެއްކަން އެނގޭނެ ހުރިހާ ހެއްކެއް އެބަހުރި ކަމަށެވެ.

މުރާސިލުން ބުނާގޮތުގައި މިފަހަރުގެ ހަމަލާއާއެކު ސައުދީއާ އިރާނުގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެއެވެ.

ސައުދީން ޔަމަނަށް 2015 އިން ފެށިގެން ދޭންފެށި ހަމަލާތަކާ އެކު ޔަމަނުގައި މިހާރު ވަނީ އިންސާނީ ބޮޑު މުސީބާތެއް ޖެހިފައެވެ. އެގައުމުގެ މިހާތަނަށް ވަނީ 12،000 މީހުން ވަނީ މަރުވެފައެވެ

މައުލޫމާތު: ޕްރެސްޓީވީ