ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ފަހުން މޯލްޑިވްސް މަނިތަރީ އޮތޯރިޓީ ]އެމްއެމްއޭ[ގެ ގަވާއިދަށް ޒަމާނީ ބަދަލުތައް ގެނެސް ފޮރިން ކަރަންސީ މާކެޓަކަށް މަގުފަހިވާނެ ގޮތަށް އެ ގަވާއިދު އިސްލާހުކޮށް ގެޒެޓް ކުރުމަށް ތައްޔާރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މަރުކަޒީ ބޭންކުގެ ގަވާއިދަށް 1987 އިން ފެށިގެން އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިއަދު ވިދާޅުވީ އެގަވާއިދު އިސްލާހުކޮށްފައި ވަނީ ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ރުފިޔާ އިން ކުރާ ގޮތަށް ކަމަށާއި ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން އެ ވިޔަފާރި ކުރަން ޖެހޭނެ ހަރުދަނާ އުސޫލުތަކެއް ގަވާއިދުގެ ތެރެއިން ހަމަޖެހިގެން ދާނެ ކަމަށެވެ. އެ ބަދަލުތަކަކާ އެކު އެގަވާއިދު "ވަރަށް އަވަސް ދުވަސްތަކެއްގެ ތެރޭގައި" ގެޒެޓް ކުރެވި އަމަލުކުރަން ފެށޭނެ ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ.

"ޖުމްލަ ވިސްނުމަކީ ދުނިޔޭގެ އެހެން ތަރައްގީވެފައިވާ ގައުމުތަކުގައި ހުންނަ ގޮތަށް ފޮރިން ކަރަންސީ ގަނެ ވިއްކުމުގައި ހަރުދަނާ އުސޫލުތައް ގާއިމް ކުރުން. އެންމެންނަށް ވެސް ފަސޭހަ ކަމާ އެކު ބޭރު ފައިސާ ލިބޭނެ ގޮތްތަކެއް ހެދުން. އެގޮތުން މަނީ އެސްޗޭންޖަރުންގައި ހުންނަ އުސޫލުތަކާއި އެމީހުން މުއާމަލާތްކުރާ އުސޫލުތަކެއް ހުންނާނެ ހަމަޖެހިފައި. ބާޒާރުގެ ސިފަތަކާއި ގޮތްތަކެއް އެގަވާއިދަށް އަމަލުކުރަން ފެށުމުން އެކަށައެޅިގެން ދާނެ. ބޯޑުގައި ވެސް މިހާރު އެ ބަދަލުތަކަށް މަޝްވަރާކޮށް ނިމިފައި ވަނީ،" އިނާޒް ވިދާޅުވި އެވެ.

އެމްއެމްއޭގެ އައު ގަވާއިދަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާއިރު ކެބިނެޓުން އިއްޔެ ވަނީ ސަރުކާރަށް ބަލައިގަންނަ ހުރިހާ ފައިސާއެއް ދިވެހި ރުފިޔާ އިން ބަލައިގަންނަން ނިންމާފަ އެވެ.