ނޭޕީޑޯ(ޑިސެމްބަރު 21): އދ.ން މިޔަންމާއަށް ކަނޑައަޅާފައި ހުންނަވާ އިންސާނީ ހައްގުތަކާ ބެހޭ މަންދޫބު އެގައުމަށް ވަނުން މަނާކޮށްފިއެވެ.

އދ.ގެ މަންދޫބު ޔަންގްހީ ލީ އަންނަ މަހު މިޔަންމާއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް އެގައުމަށް ވަނުން އޭނާއަށް މަނާ ކުރީ މީގެ ކުރިން އޭނާ އެގައުމަށް ކުރެއްވި ދަތުރުފުޅުގައި އެކުލަވާލެއްވި ރިޕޯޓު ވަނީ "ވަކި ފަރާތަކަށް ޖެހިފައި" ކަމަށް ބުނެ އެވެ. އަދި މިޔަންމާއިން އދ.އަށް އެއްބާރުލުން ދިން ނަމަވެސް ލީއަށް އެގައުމަށް ވަޑައިނުގަނެވޭނެ ކަމަށް ބުނެފައެވެ.

މިދިޔަ ޖުލައި މަހު މިޔަންމާއަށް ޒިޔާރަތް ކުރެއްވި ލީ ވަނީ އެގައުމުގެ ރަޚީން ސްޓޭޓުގައި ރޮހިންގާ މުސްލިމުންނާ މެދު އަމަލު ކުރާ ގޮތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި އޭނާގެ ދެވަނަ ދަތުރަށް ހުރަސް އެޅުމުން އެނގިގެންދަނީ އެ ސްޓޭޓުގައި "ވަރަށް އަނިޔާވެރި ކަންތައްތައް ހިނގަމުންދާ" ކަން ކަމަށް ލީ ވިދާޅުވި އެވެ.

މިޔަންމާއިން ލީގެ ދަތުރު ކެންސަލް ކުރީ ރަޚީން ސްޓޭޓުން 10 މީހަކު ވަޅުލާފައިވާ މަހާނައެއް ފެނުނު ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނި ފަހުންނެވެ. މިދިޔަ އޮގަސްޓް މަހު އެސްޓޭޓުގައި ފެށުނު ހަމަނުޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރި މައުންގްޑޯއިން ފެނުނު އެކަށިތައް ތަހުގީގު ކުރާނެ ކަމަށް މިޔަންމާގެ ސިފައިން ވަނީ ބުނެފައެވެ.

ރޮހިންގާއިންގެ ހަނގުރާމަވެރި ޖަމާއަތަކުން މިޔަންމާގެ ފުލުހުންނަށް ދިން ހަމަލާއަކާ ގުޅިގެން ރަޚީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާއިން ފެށި އޮޕަރޭޝަނާ ގުޅިގެން 650،000 ރޮހިންގާ މުސްލިމުން ވަނީ ބަންގުލަދޭޝަށް ގޮސްފައެވެ.

ސިއްހީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނި ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ 25 އާއި ސެޕްޓެމްބަރު މަހުގެ 24އާ ދޭތެރޭ މިޔަންމާއިން 6،700 ރޮހިންގާ މުސްލިމުން މަރާފައިވެ އެވެ. އަދި އެއީ ނަސްލެއް ނައްތާލުމުގެ ގޮތުގައި ބެލެވިދާނެ ކަމަށް އދ.ން ވަނީ ބުނެފައެވެ. (ބީބީސީ)