އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ބްރިސްޓޯލް ސިޓީ އަތުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ލީގު ކަޕުން ކަޓައިފިއެވެ.

އޭޝްޓަން ގޭޓް ސްޓޭޑިއަމްގައި ރޭ ކުޅުނު ލީގު ކަޕްގެ ކުއާޓާ ފައިނަލް މެޗުގައި ބްރިސްޓޯލް އަތުން ޔުނައިޓެޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން އެ ޓީމުގެ ސްވިޑަން ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗް ފެނިގެންދިޔައެވެ. އެއީ މިސީޒަނުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރާއިން އިބްރަހިމޮވިޗް ފެނިގެންދިޔަ ފުރަތަމަ މެޗެވެ.

މެޗުގެ ކުރީކޮޅު ބްރިސްޓޯލް އަދި ޔުނައިޓެޑަށް ވެސް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ބްރިސްޓޯލުން އުފެއްދި ހަމަލާ، ޔުނައިޓެޑްގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ މަތަކޮށްފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ނަގައިދިން ހުރަހަކުން ޔުނައިޓެޑްގެ އިބްރަހިމޮވިޗް ފޮނުވާލި ހަމަލާ އަމާޒުވީ ބްރިސްޓޯލް ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ޔުނައިޓެޑްގެ އިބްރަހިމޮވިޗަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ބްރިސްޓޯލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓްފަހުން ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ބްރިސްޓޯލުންނެވެ. މާލޮން ޕެކް ދިން ބޯޅައަކުން ބްރިސްޓޯލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯ ބްރަޔަންއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ޔުނައިޓެޑް ގޯލުގެ މަތީ ކަނަކަށެވެ.

ބްރިސްޓޯލުން ލީޑު ހޯދިތާ ހަތް މިނެޓްތެރޭ ޔުނައިޓެޑުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރަހިމޮވިޗްއެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ބްރިސްޓޯލް ގޯލުގެ މަތީ ކަނަކަށެވެ.

ބްރިސްޓޯލުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް މެޓީ ޓެއިލާ ދިން ރީތި ބޯޅައަކުން ބްރިސްޓޯލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޮރޭ ސުމިތެވެ.

ލީގު ކަޕްގައި ރޭ އޭއެފްސީ ބޯންމައުތު ބަލިކޮށް، ޗެލްސީން ވަނީ ލީގު ކަޕްގެ ސެމީގެ ޖާގައެއް ހޯދައިފައެވެ. އެ މެޗުން ޗެލްސީ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 13 ވަނަ މިނެޓުގައި ވިލިއަން ވަނީ ޗެލްސީއަށް ލީޑު ހޯދައިދީފައެވެ. މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ބޯންމައުތަށް ޑޭން ގޮސްލިން ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އަލްވާރޯ މޮރާޓާ ވަނީ ޗެލްސީއަށް އަލުން ލީޑު ހޯދައިދީފައެވެ.

ލީގު ކަޕްގެ ސެމީގައި ޗެލްސީއާއި އާސެނަލް ބައްދަލުކުރާ އިރު، ބްރިސްޓޯލް ނުކުންނަން ޖެހޭނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ސެމީގެ ފުރަތަމަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި ސެމީގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.