21 Dec 2017, 10:55
ސޯޝަލް މީޑިއާ ޕްލެޓް ފޯމު ފޭސްބުކް މެދުވެރިކޮށް 52 ދިވެއްސެއްގެ މައުލޫމާތު ހޯދުމަށް ދިވެހި ސަރުކާރުން އެދިފައިވާކަމަށް ފޭސްބުކުން ބުނެފިއެވެ.
ފޭސްބުންގެ ޓްރާންސްޕޭރެންސީ ރިޕޯޓުގައި ބުނީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭ 52 މީހުންގެ އެކައުންޓާ ގުޅޭ މައުލޫމާތު ހޯދަން ދިވެހިރާއްޖެއިން 37 ރިކުއެސްޓެއް ފޮނުވާފައިވާ ކަމަށާއި އޭގެތެރޭގައި ޝަރުއީ މައްސަލަތަކާ ގުޅޭ 49 މީހެއްގެ މައުލޫމާތު ހޯދަން 36 ރިކުއެސްޓް ފޮނުވާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން އެމަޖެންސީކޮށް އެކަކުގެ މައުލޫމާތު ހޯދަން އެދިފައިވާ ކަމަށްވެސް ފޭސްބުކުން ބުނެއެވެ.
މައުލޫމާތު ހޯދުމަށް އެދުނު އެކައުންޓްތަކުން 78.11 ޕަސެންޓް މައުލޫމާތު އެއްކުރެވި ފައިވާ ކަމަށް ފޭސްބުކުން ބުނެއެވެ. އެ ކުންފުނިން ބުނީ ޖިނާއީ ތަހުގީގަކަށް، އެއް ފަރާތެއްގެ މައުލޫމާތު 90 ދުވަހަށް އެއްކޮށްދިނުމަށް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން އެދުމުން އެ މައުލޫމާތު އެއްކޮށްދިން ކަމަށެވެ.
ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު އެއްކޮށްދިނުމަށް އެންމެ ގިނައިން އެދިފައިވަނީ އެމެރިކާއިންނެވެ. އެ ގައުމުން ވަނީ 52280 މީހުންގެ މައުލޫމާތު ހޯދުމަށް 32716 ރިކުއެސްޓް ފޮނުވައިފައެވެ.
ފޭސްބުކް މެދުވެރިކޮށް މައުލޫމާތު ހޯދަން ހުށަހަޅާއިރު އެކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަން ޖެހެއެވެ. ޖިނާއީ މައްސަލަތަކުގައި ދައުވާ އުފުލާ މީހުންނާ، ބޮޑެތި ކުށްވެރިންނާ ބެހޭ މައުލޫމާތު ފޭސްބުކްގައި އެދުމުން ފޯރުކޮށްދެނީ އެފަދަ ލިޔުމެއް ހުށަހެޅުމުންނެވެ.
އެ ކުންފުނިން ބުނީ އާންމުކޮށް ރިކުއެސްޓްތައް އަންނަނީ އެކައުންޓް ބޭނުންކުރާ ފަރާތްތަކުގެ ނަމާއި ހިދުމަތް ބޭނުންކުރި މުއްދަތުގެ މައުލޫމާތު ހޯދަން ކަމަށާއި މައުލޫމާތު ފޯރުކޮށްދެނީ އެ ރިއުކެސްޓުގެ ސައްހަކަން ޔަގީކޮށް ކަށަވަރު ކުރުމަށްފަހު ކަމަށް ފޭސްބުކުން ބުނެއެވެ.