ދެހާސްފަނަރަ ވަނަ އަހަރު ޔަމަނުގައި ފެށުނު ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގައި ތިބި އެހީއަށް ބޭނުންވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 20 މިލިއަނަށް ވުރެ އިތުރުވެފައެވެ. އެއްހާސް ދުވަސްވެފައިވާ އެހަނގުރާމައިގެ އެންމެ މައުސޫމު ޝިކާރައަކަށް ވަނީ ކުޑަކުދިން ކަމަށް ގިނަ ބަޔަކު އެއްބަސްވާނެ އެވެ. މިއީ އޭގެ ތެރެއިން އެންމެ ކުއްޖެއްގެ ދިރިއުޅުން ފާއިތުވި ދެ އަހަރު ތެރޭގައި ބަދަލުވެގެން ދިޔަ ގޮތާއި، އެކަން ތަކުރާރުވާން ފުރުސަތު ނުދިނުމަށް އެކުއްޖާ ކުރާ އާދޭހުގެ ވާހަކައެވެ.

އުމުރުން 13 އަހަރުގެ ނޫރާންއަށް އެއްތަނުން އަނެއް ތަނަށް ދެވެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އޭނާގެ ބުރަކަށްޓަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން އަތާއި ފައިން އެންމެ އާދައިގެ ކަންތައްތައް ކުރުންވެސް ވަނީ ދަތިވެފައެވެ. ނަމަވެސް އެއީ ނޫރާން އުފެދުމުގައި ނުވަތަ ކުޅެން އުޅެނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުންވީ ގޮތެއް ނޫނެވެ.

ނޫރާންގެ އާއިލާއާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން އޭނާގެ ބުރަކަށްޓަށް ގެއްލުން ލިބުނީ ސަންއާގެ މަގެއް މަތިން ހިނގާފައި ދަނިކޮށް އެސަރަހައްދަށް ބަޔަކު ދިން ވައިގެ ހަމަލާއެއްގެ 'ބްލާސްޓް ވޭވެއް" ނޫރާންއަށް އަމާޒުވުމުންނެވެ. އެހަމަލާ ދީފައި ވަނީ ނޫރާންގެ ބައްޕަ މަސައްކަތް ކުރަމުންދިޔަ ސިމެންތި ކާރުހާނާއަށް އޭނާ ދިޔަ މަގުމަތީގައި ކަމަށްވެސް އާއިލާއިން ބުންޏެވެ.

އުމުރުން 13 އަހަރުގެ ނޫރާންގެ ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ހުންނަން ޖެހެނީ ފުރޮޅިލީ ގޮނޑިއެއްގައި -- ފޮޓޯ: އޭޕީ

މީގެ ކުރިން ފައިމަގުގައި ސްކޫލަށް ހާޒިރުވަމުންދިޔަ ނޫރާން ވަނީ ހަނގުރާމައިގެ ކުރިން އޭނާ ދިރިއުޅެމުން ދިޔައީ "ވަރަށް ރީތި" ދިރިއުޅުމެއް ކަމަށް ބުނެފައެވެ. އަދި އޭރު އޭނާ އައީ ޑޮކްޓަރަކަށް ވުމުގެ ހުވަފެންވެސް ދެކެމުން ކަމަށާއި ނަމަވެސް މިހާރު ގަލަމެއްގައި ހިފުމަކީވެސް ބުރަ ކަމަކަށްވެފައިވާ ކަމަށް ނޫރާން ބުންޏެވެ.

"މިހާރު ސްކޫލަށް ހިނގާފައި ނުދެވޭ. ދާން ޖެހެނީ ފުރޮޅުލީ ގޮނޑިއެއްގަ. ކުރީގައި ޑެސްކެއް ކައިރީ އިނދެގެން ފޮތުގައި ލިޔެވޭ. އެކަމަކު މިހާރު ލިޔަން އުޅުމުން އަތަށް ތަދުވަނީ. އަދި ކުރީގައި ވަރަށް ލިޔާހިތްވެސްވޭ އެކަމަކު މިހާރު ގަލަމެއްގައި ނުވެސް ހިފޭ،" ނޫރާން ބުންޏެވެ.

އޭގެ ސަބަބުން ނޫރާން ދެކެމުން އައި ހުވަފެނަށް ފަނޑުކަމެއް އައި ނަމަވެސް އޭނާ ވަނީ ޔަމަނުގައިދޭ ބޮމާއި ބަޑީގެ ހަމަލާތަކާ ދެކޮޅަށް އޭނާގެ އަޑު ގަދަކޮށްފައެވެ. އަދި ގައުމުގެ ކުޑަކުދިންނަށްޓަކައި އެހަނގުރާމަ ހުއްޓުވައި ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

"އުނގެނުމަކީ އަޅުގަނޑުމުންގެ ހައްގެއް. އުޖާލާ މުސްތަގުބަލެއް ބިނާ ކުރުމަކީ އަޅުގަނޑުމެންގެ ހައްގެއް. ވީމާ އަޅުގަނޑަށް ލިބުނު ފަދަ އަނިޔާއެއް އިތުރު ކުއްޖަކަށް ލިބިގެން ނުވާނެ. އަދި އަޅުގަނޑަށް ވީގޮތަށް އެހެން ކުއްޖަކަށް ނުވާނެ ކަމަށް އުއްމީދު ކުރަން،" ހަނގުރާމައިގެ ނާއިންސާފުގެ ތެރެއިން ވެސް ހިތްވަރު ނެރެމުންދާ ނޫރާން ބުންޏެވެ.

ޔަމަނުގައި މީގެ ކުރިން އޮތް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރު ހޫޘީ ހަނގުރާމަވެރިން ވައްޓާލުމާ ގުޅިގެން އެސަރުކާރު އިޔާދަ ކުރުމަށް ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން އެގައުމަށް ހަމަލާދޭން ފެށިތާ މިހާރު އެއްހާސް ދުވަހަށް ވުރެ އިތުރުވެއްޖެ އެވެ. އެހަނގުރާމައިގައި 10،000ށް ވުރެ ގިނަ މީހުން މަރުވެ، މިލިއަނަކާ ގާތް ކުރާ ވަރަށް މީހުންނަށް ކޮލެރާ ޖެހިފައިވީ ނަމަވެސް ހަނގުރާމަ ނިމުމަކަށް އަންނަން އުޅޭ ކަމުގެ ސިގްނަލެއް ނުލިބޭ ކަމަށް އެގައުމުގެ ރައްޔިތުން ބުނެ އެވެ.