21 Dec 2017, 09:10
މި މަސް ނިމެންވާއިރަށް ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' އެޅުވޭނެ ތާރީހެއް އިއުލާން ވެގެންދާނެ ކަމަށް ފިލްމުގެ ލީޑް ރޯލުން ފެނުނު ބަތަލު ޝާހިދު ކަޕޫރު ބުނެފި އެވެ.
ޝާހިދު ބުނީ ފިލްމް ރިލީޒްނުކުރެވިގެން ގިނަ ދުވަސްތަކެއް ވެފައިވާ އިރު އުންމީދަކީ މި މަސް ނިމުމުގެ ކުރިން ފިލްމް ރިލީޒްކުރާނެ ތާރީހެއް ކަނޑައެޅުން ކަމަށެވެ.
"ފިލްމުގައި ހަރަކާތްތެރިވާ ދީޕިކާ އަދި ރަންވީރަކީ ވެސް ހަމަ އަޖައިބުން ފުރިގެންވާ ތަރިންތަކެއް. ބޭނުން ވަނީ އަވަހަށް ފިލްމް ރިލީޒްކުރެވެން. ކޮށްފައިވާ ބުރަ މަސައްކަތް ބެލުންތެރިންނަށް ދައްކާލަން،" އޭނާ ބުންޏެވެ.
'ޕަދްމާވަތީ' އާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ދަނިކޮށް ފިލްމް އެޅުވުން ވަނީ ވަކި މުއްދަތެއް ނެތި ފަސްކޮށްފައިވާއިރު ދީޕިކާ އަދި ރަންވީރު ވެސް ވަނީ އެހެން ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ.
ޝޫޓިން ފެށި ހިސާބުން ވެސް ފިލްމަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. ޑައިރެކްޓަރު ބަންސާލީ އަށް ހަމަލާ ދިނުމުގެ އިތުރުން ފިލްމުގެ ސެޓުތަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.
ޕަދްމާވަތީ އަކީ ތާރީޚީ ލޯބީގެ ފިލްމެކެވެ.