21 Dec 2017, 08:56
ހދ. ނޮޅިވަރަމުން އިއްޔެ ގެއްލުނު އަންހެން މީހާ މިއަދު ހެނދުނު ފެނިއްޖެއެވެ.
އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު އާދަމް ވިދާޅުވީ، އިއްޔެ ނޮޅިވަރަމުން ގެއްލުނު އެރަށު މަންޒަރުގެ، ޝާހިދާ އަލީ ފެނިފައިވަނީ މިއަދު ހެނދުނު އަށްގަޑި ތިރީސް ހާއިރު ކަމަށެވެ. އޭނާ މިހާރު އޮތީ ރަށުގެ ސިއްހީ މަރުކަޒުގައި ކަމަށްވެސް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
"ބުއްދިނެތް ކަމަށް ވަނީ. ފެނުނީ ރަށުގެ ވަލުތެރެއިން. ގަހެއްގައި ބަނޑު ލައްކޮށްގެން އޮއްވައި. އޭނާ ފެނުނީ ގެއްލުނު ކަމަށް ބުނާ ސަރަހައްދުން. އެއީ ސަހަރާ ކުރިމަތިން އޮންނަ ސަރަހައްދުން،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ޝާހިދާ ހޯދުމަށް އެރަށުގެ ރައްޔިތުން ނިކުމެ އެކި ސަރަހައްދުތައް ބަލަމުން ދިޔަ ކަމަށެވެ.
އެރަށު ސިއްހީމަރުކަޒުން ބުނީ ޝާހިދާއަށް ފަރުވާ ދެމުންދާ ކަމަށާ މިވަގުތު އަދި އެއްޗެއްބުނަން ދަތި ކަމަށެވެ.
ޝާހިދާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ ހެނދުނު 11:00 ހާއިރުއެވެ. އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ، ހެނދުނު މޫދަށް ގޮސް އައުން ލަސްވެގެން އޭނާގެ ފިރިމީހާ އެވެ. ޝާހިދާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ ނޮޅިވަރަމުގެ މޫދުގެ ސަރަހައްދުވެސް ބަލައި ފާސްކޮށްފައެވެ.