ގުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ. ގެ އާންމު މަޖިލީހުގައި ވޯޓުދޭ ގައުމުތަކަށް އެހީ ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ވައިޓް ހައުސްގައި މިއަދު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ވޯޓުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ.

"އެމީހުން އަހަރެމެން އަތުން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ނަގާފަ ވެސް ވޯޓެ އެ ދެނީ އަހަރެމެނާއި ދެކޮޅަށް. އަހަރެމެން ދާނީ ވޯޓު ވަރަށް ގާތުން ބަލަމުން. އަހަރެމެނާ ދެކޮޅަށް ވޯޓު ދީފިނަމަ ވަރަށް ގިނަ ފައިސާ ރައްކާކުރެވޭނެ،" ޓްރަމްޕް ވިދާޅުވި ކަމަށް ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވެއެވެ.

ޚިޔާލު ތަފާތުވެފައިވާ މި މައްސަލާގައި އދ. ގެ އާންމު މަޖިލީހުން މާދަމާ ކުއްލި ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ރައީސް މި އިންޒާރު ދީފައިވާއިރު މީގެ ކުރިން އެ ގަރާރުގައި ޕަލަސްތީނާ އެއްކޮޅަށް ވޯޓުދޭ ގައުމުތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން އ.ދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހަލޭވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ގަރާރުގައި ވޯޓުދޭ ގައުމުތަކުގެ ނަންތައްވެސް ނޯޓުކުރާނެ ކަމަށް ވިދާޅުވެ ބުން ހަލޭ ވަނީ ޓްވީޓް ކޮށްފައެވެ.

އެ އިންޒާރު އައީ މިދިޔަ ހޯމަ ދުވަހު އދ. ގެ ސަލާމަތާ ބެހޭ މަޖިލިސްގައި ގުދުސްއާ މެދު ޓްރަމްޕް ނިންމި ނިމުމާ ދެކޮޅަށް 14 ވޯޓު ދިނުމާ ގުޅިގެންނެވެ. އެ ވޯޓުގައި ޓްރަމްޕާ އެކޮޅަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

ގުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ޓުރަމްޕް މި މަހުގެ ހަ ވަނަ ދުވަހު ކަނޑައަޅައިފައިވާއިރު އެކަމާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފަލަސްތީނު ރައްޔިތުން ދަނީ ކުރަމުންނެވެ. މި މުޒާހަރާތައް ހުއްޓުވުމަށް އިސްރާއީލު ސިފައިން ދަނީ ބާރުގެ ބޭނުންކުރަމުންނެވެ.