21 Dec 2017, 13:36
ހައްދުފަހަނަ އަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އަތްދަށުން އިރާގުގެ ސިޓީއެއް ކަމަށްވާ މޫސަލް މިނިވަން ކުރުމަށް ހޭދަވި ނުވަ މަސް ތެރޭގައި އެ ސިޓީން 9000 އާއި 11،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ކުރި ތަހުގީގުތަކުން ހާމަވެއްޖެއެވެ.
އެ ހަނގުރާމައިގައި މަރުވި އާންމުންގެ އަދަދު ކުރިން ހީކުރިވަރަށް ވުރެ 10 ގުނަ ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން 3200 މަރަކީ އިރާގުގެ އަސްކަރީ ބާރުތަކުން ހިންގި ވައިގެ އޮޕަރޭޝަންތަކާއި އަލިފާން ރޯވެގެންނާއި މޯޓަރު ބަޑީގެ ސަބަބުން މަރުވި މީހުންނެވެ.
އޭޕީން ކުރި ތަހުގީގުތަކުގައި މަރުވެފައިވާ މީހުންގެ ލިސްޓާއި ސަރުކާރަށް ނިސްބަތްނުވާ ޖަމްއިއްޔާތަކުގެ ޑޭޓާބޭސް އިން ވަނީ މައުލޫމާތު ހޯދާފައެވެ. މީގެ ތެރެއިން މަރުވެފައިވަ ގިނަ މީހުން ތިބީ ޗިސް ޗިސް ވެފައި ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީގެ ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.
އިރާގުގެ ކޯލިޝަން ޖަމާއަތުން މޫސަލް އަށް ތަހުގީގު ކުރުމަށް އެއްވެސް ބަޔަކު ފޮނުވާފައިނުވެއެވެ. އިރާގު ކޯލިޝަނުން ޒިންމާ ނަގާފައި ވަނީ އެންމެ 326 މީހުންގެއެވެ.
"މިއީ ވޭތުވެދިޔަ ދެ ޖީލުގައި ވެސް މޫސަލްގައި ހިނގާދިޔަ އެންމެ ބޮޑު ލޭ އޮހޮރުވުން. މި އާންމުން މަރުވިގޮތަށް ބަލާއިރު، އައިއެސް ވަނީ ބޮޑު ރޯލެއް ކުޅެފައި. މިކަންކަން ތަހުގީގު ކުރުމުގެ ބޭނުމަކީ ކުރިއަށް އޮތް ތާނގައިވެސް މިފަދަ ކަމެއް ހިނގައިފިނަމަ ސަލާމަތް ކުރެވޭ މީހުންގެ އިތުރުވާނެތީ،" އޭޕީއާ ޑޭޓާބޭސް ހިއްސާކުރި އެއާވާސް ޖަމްއިއްޔާގެ އެންމެ އިސްވެރިޔާ ކްރިސް ވުޑްސް ވިދާޅުވިއެވެ.
އޭޕީން ކުރި އެ ތަހުގީގުގައި، މަރުވެފައިވާ މީހުންގެ ތެރެއިން 9،606 މީހުންގެ ނަން ހިމެނޭ ލިސްޓެއް ވަނީ ހޯދާފައެވެ. މަރުވި މީހުންގެ ތެރެއިން އެތައް ސަތޭކަ މީހުންގެ ހަށިގަނޑުތައް ގަލާއި ވެލީގެ އަޑީގައި ވަޅުލެވިފައިވާކަމަށް އޭޕީން ބުނެއެވެ.