ގުދުސަކީ އިސްރާއީލުގެ ވެރި ރަށަށް ކަމަށް އެމެރިކާ އިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ބެލުމަށް އދ. ގެ އާންމު މަޖިލީހުގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި އެމެރިކާ އާ ދެކޮޅަށް ވޯޓު ނުދިނުމަށް ބުނެ މެމްބަރުންނަށް އެމެރިކާ އިން އިންޒާރު ދީފިއެވެ.

އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހާލޭ އދ. ގެ މެމްބަރުންނަށް ފޮނުވި މި އިންޒާރުގެ ސިޓީގައި ބުނެފައި ވަނީ މާދަމާ ވޯޓުލުން ކުރިއަށްދާއިރު އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަމްޕް ވަރަށް ގާތުން އެ މަންޒަރު ބައްލަވަމުން ގެންދަވާނެ ކަމަށާއި އެމެރިކާއާ ދެކޮޅަށް ވޯޓުލީ ފަރާތްތަކުގެ ލިސްޓު އެމަނިކުފާނަށް ފޮނުވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

"އެންމެނަށް ވެސް އެނގޭނެ ފަދައިން އާންމު މަޖިލީހުގައި ޓްރަމްޕްގެ ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ބެލުމަށް ވޯޓު ނެގުމަށް ދަނީ ތައްޔާރުވަމުން. ވޯޓުލާއިރު ވިސްނާތި، ރައީސް ޓްރަމްޕް އާއި އެމެރިކައިން ވެސް މި ވޯޓު ނަގާނީ ވަރަށް އަމިއްލަ ގޮތުން،" ހާލޭ ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މި އިންޒާރު އައީ މިދިޔަ ހޯމަ ދުވަހު އދ. ގެ ސަލާމަތާ ބެހޭ މަޖިލިސްގައި ގުދުސްއާ މެދު ޓްރަމްޕް ނިންމި ނިމުމާ ދެކޮޅަށް 14 ވޯޓު ދިނުމާ ގުޅިގެންނެވެ. މި ވޯޓުގައި ޓްރަމްޕާ އެކޮޅަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ގުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައިގަތީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. މިއާއެކު އެމެރިކާއިން ވަނީ އެގުމުގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައެވެ.