އަހަރު ނިމި އާ އަހަރަކަށް މިއޮތީ ބޯމަތިވެފަ އެވެ. ނިމިގެން މިދާ އަހަރަކީ ވެސް ތަފާތު އަހަރެކެވެ. ތަފާތު ގިނަ ކަންކަމެއް ހިނގައި ތަޖުރިބާ ކުރެވިއްޖެ އެވެ. އެކި މީހުންނަށް އެކި ވަރަށެވެ. މައިކްރޯސޮފްޓުގެ ބާނީ އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާ ބިލް ގޭޓްސް އަށް މި އަހަރުވީ ބުރަ އަހަރަކަށެވެ.

"ދެހާސް ސަތާރަ ވަނަ އަހަރަކީ ދަތި އުދަނގޫ އަހަރެއްކަން އެކަކު ވެސް ދެބަހެއް ނުވާނެ. ނަމަވެސް މި އަހަރުގެ ތެރޭގައި އުއްމީދީ އަދި ކުރިއެރުންތަކެއް ވެސް ވަނީ ފެނިގެން ގޮސްފައި،" މިއީ ބިލިޔަނަރު ގޭޓްސް މި އަހަރު ސިފަ ކުރި ގޮތެވެ.

މި އަހަރުގެ ތެރޭގައި އޭނާއަށް އެންމެ ފާހަގަވި ކަންކަން ބިލް ގޭޓްސް މިވަނީ ތަރުތީބުކޮށް، ޓްވިޓާގެ 42.3 ބިލިއަން ފޮލޯވަރުންނާ ހިއްސާކޮށްފަ އެވެ.

ނުވަ ޓުވީޓަކުން ބިލް ގޭޓްސް އަށް ފާހަގަވި ކަންކަން ތަރުތީބު ކުރިއިރު ތިން ވަނައިގާ އޭނާ ފާހަގަ ކުރީ ރާއްޖެ އާއި ބޫޓާނުން މީސަލްސް ނުވަތަ ހިމަބިހި ނައްތާލައިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއުލާން ކުރި ހަބަރަށެވެ.

ރާއްޖެއާއި ބޫޓާނުން ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާން ކުރީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އަށް ވަނަ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖިނަލް ޑިރެކްޓަރު ޑރ. ޕޫނަމް ސިންހަ އެވެ.

އެ ނިންމުމާ އެކު ރާއްޖެއާއި ބޫޓާން ވެގެން ގޮސްފައި ވަނީ އޭޝިއާ ސަރަހައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވިފައިވާ ދެ ގައުމަށެވެ.

ވިހިވިހި ވަނަ އަހަރު އައުމުގެ ކުރިން މި ސަރަހައްދުގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްގެ ކުރިން އެކަން ހާސިލް ކުރުމުން ޑަބްލިއުއެޗްއޯ އާއި ރާއްޖެ އިން އެ ކާމިޔާބީ އުފަލާ އެކު ފާހަގަކުރި އިރު އެ ކާމިޔާބީ ގޭޓްސް އަށް ވެސް މި އަހަރު ލިބުނު ހިތްވަރަކަށް ވީތާ އެވެ.

ގޭޓްސް އަށް މި އަހަރު ފާހަގަވި އެހެން ކަންތައްތަކުގެ ތެރޭގައި މުޅި އާއިލާ އިން ވެސް ކޮލެޖަކުން ގުރެޖުއޭޓްވި އެޑްވާޑޯ ސަންޗޭޖް ނަމަކަށް ކިޔާ މީހެއްގެ ކާމިޔާބީ އާއި އިންޑިއާ އަށް ދިމާވެފައިވާ ސާފު ބޯފެނާއި ނަރުދަމާގެ މައްސަލަތަކަށް ހަދާ އިންޑިއާގެ ސުޕަސްޓާ އަކްޝޭ ކުމާރު ފެނިގެންދާ ފިލްމު، "ޓޮއިލެޓް" ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން ފެންވަރު ރަނގަޅު އަދި ގިނަ އަދަދެއްގެ ކާނާ ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ފަރުދުންނަށްދޭ ބައިނަލްއަގްވާމީ އެވޯޑެއް ކަމަށްވާ ވޯލްޑް ފުޑް ޕްރައިޒް މި އަހަރު ލިބުނު އެފްރިކަން ޑިވެލޮޕްމަންޓް ބޭންކުގެ ރައީސް އަކިންވުމީ އެދެސިނާ އޭނާ އަށް ލިބުނު ފައިސާ ދަނޑުވެރިކަމުގައި މަސައްކަތްކުރާ އެފްރިކާގެ ޒުވާނުންނަށް ފައިސާގެ އެހީދޭ ފަންޑެއް ގާއިމްކުރުމަށް ނިންމި ނިންމުން ވެސް ފާހަގަ ކޮށްފައިވެ އެވެ.

މި ކަންތައްތަކަކީ ދުނިޔޭގައި ބޮޑެތި ކަންކަން ކަމުގައި ނުވި ނަމަވެސް ބިލް ގޭޓްސް ބުނާ ގޮތުން، މި ކަންކަމަކީ މި އަހަރާ ދޭތެރޭގައި ރަނގަޅަށް ދެކެވުނު އަދި އަންނަ އަހަރަށް އިތުރު ހިތްވަރަކަށްވީ ކަންތައްތަކެއް ކަމަށެވެ.