ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ސީޕްލޭންގެ 12 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފިއެވެ.

މިއަދު ހަވީރު ރާއްޖެގެނައި އެ ސީ ޕްލޭނައަކީ ކެނެޑާއިން ގެނައި ބޯޓެކެވެ. އެ ބޯޓަކީ ޑީއެޗްސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، ރިސޯޓުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ގައުމީ އެއާލައިންގެ ހައިސިއްޔަތުން މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރަން އިތުރު ފްލައިޓްތައް ގެންނަން ޖެހޭކަމަށެވެ.

މިއަދު ގެނައި 12 ވަނަ ސީ ޕްލޭންއާއެކު މޯލްޑިވިއަންއާއެކު ސޮއިކޮށްފައިވާ ރިސޯޓްތަކާއި އަދި އިތުރު ރިސޯޓްތަކަށްވެސް ފަތުރުވެރިން އުފުލުމުގައި ލުއިފަސޭހަތައް ވެގެންދާނެ ކަމަށް ހާރިސް ވިދާޅުވިއެވެ.

ހާރިސް ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ޑޭޝް އެއިޓް މަރުކާގެ އެއާކްރާފްޓަކާއި އަދި އިތުރު ސީ ޕްލޭނެއް ފްލީޓަށް އިތުރުކުރުމަށް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.