މާލެއާ ހުޅުލެއާ ދެމެދުގައި އަޅަމުން އަންނަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ހުރިހާ ދަގަނޑާއި ކޮންކުރީޓުގެ މަސައްކަތްތަކެއް އަންނަ ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އެ މަސައްކަތް ހަވާލު ކޮށްފައިވާ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން އާއެކު ބޭއްވި ބައްދަލުވުމަކަށްފަހު މިއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕްރޮޖެކްޓުގެ މަސައްކަތް ރާވާފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ބުރިޖުގެ ހުރިހާ ކޮންކުރީޓާއި ދަގަނޑުގެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބުރިޖުގެ ކޮލެޓީގެ މަސައްކަތްތައް ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލަންޑަނުގެ މެނޭޖްމަންޓު ކޮންސަލްޓިން ސާވިސް ކުންފުންޏަކުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

ބުރިޖުގެ މަސައްކަތް ނިންމުމަށް ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހަށެވެ.

ސީސީސީސީ ކުންފުނިން މިދިޔަ މަހު ބުނެފައިވަނީ ބުރިޖުގެ 67 މަސައްކަތް ނިމިފައިވާ ކަމަށާއި ބުރިޖުގެ ކޮންކުރީޓް މަސައްކަތްތައް އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

މާލެއާ ހުޅުލެއާ ދެމެދުގައި އަޅަމުން އަންނަ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު، އަދި ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުރެއެވެ. އެ ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެއެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އަދި ބްރިޖު އެޅުމަށް ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ.

އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނުގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖު އެޅުމަށް ދިވެހި ސަރުކާރުން ހޭދަކުރާނީ ބާކީ 30 މިލިއަން ޑޮލަރެވެ.