10 Aug 2011, 11:54
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑާ ގެބްރިއެލް އޮބަޓަން 22، ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ނިއުކާސަލް އަށް ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައިވާ ގޮތުން 2015 އާއި 2016ގެ ސީޒަނާ ހަމައަށް އޮބަޓަން ނިއުކާސަލް އަށް ކުޅޭނެ އެވެ.
"އަހަރެން ރައްޓެހިންނާ އެކުވެސް މިބަދަލާއި ބެހޭ ގޮތުން ވާހަކަދެއްކިން. ނިއުކާސަލް އަކީ އިނގިރޭސި ތާރީޚުގައި ބޮޑު ކްލަބެއް. އަހަރެން މިހިރީ އުފަލުން އަދި މިއީ އަހަރެންނަށް ބޮޑު ކްލަބެއް. މެންޔޫއިން ނިއުކާސަލްއަށް ބަދަލުވުމުގެ ނިންމުން މާއުނދަގުލެއް ނުވި. މެންޔޫއާއެކު ރަނގަޅު ދެސީޒަން ހޭދަވި. މެންޔޫގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން އުނދަގޫ. އަހަރެން ބޭނުންވީ ގިނަ މެޗްތަކެއް ކުޅެން." އޮބަޓަން ބުންޏެވެ.
ނިއުކާސަލްގެ ކޯޗް އެލަން ޕާޑިއުވެސް ވަނީ އޮބަޓަންއަށް ތައުރީފްކޮށް މިސޮޔަކީ ނިއުކާސަލް އަށް ވަރަށް މުހިންމު ސޮޔެއް ކަމަށް ބުނެފަ އެވެ.
"އޮބަޓަންއަކީ މޮޅު ކުޅުންތެރި އެއް. އަހަރެން އޭނާ ކުޅުން މެންޔޫއަށް ބަދަލުވުމާއިއެކު ބެލިން. އަހަރެން އޭނާ ގެނައުމަށް ފުރަމަވެސް ވާހަކަދެއްކީ މެންޔޫގެ ކޯޗް ފާގަސަން އާއި. އޮބަޓަންގެ އެންމެ ރަނގަޅު އަހަރުތައް މިއައީ. ސަޕޯޓަރުންނާއި ކްލަބްވެސް މިބަދަލާއިމެދު ހިތްހަމަޖެހޭނެ." ކޯޗް ޕާޑިއު ބުންޏެވެ.
އޮބަޓަންގެ އިތުރުން ނިއުކާސަލްގައި މިހާރު ފްރާންސް އަށް ނިސްބަތްވާ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. ހާތަމް ބެން އާފާ، ޔޯހާ ކަބަޔޭ، ސިލްވިޔާން މާވީޔުކްސް އަދި މަހްދީ އެބީދް ފަދަ ފްރާންސްގެ މޮޅު ކުޅުންތެރިން ނިއުކާސަލްގައި މިހާރު ވެސް ހިމެނެ އެވެ.