20 Dec 2017, 20:26
ކ. ގުރައިދޫ ކައިރީގައި އޮތް ސަފާރީއަކުން މޫދަށް އެރިއުޅުނު ސްރީލަންކާގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4:00 އެހައިކަންހާއިރު ގުރައިދޫ ތޮށި ކައިރިންނެވެ. އޭގެ 20 ވަރަކަށް މިނެޓު ފަހުން ފަތުރުވެރިޔާ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭނާ އޮތީ މަރުވެފައި ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.
"އޭނާ ސިއްހީ މަރުކަޒަށް ގެނައީ ގާތް ގަނޑަކަށް މިއަދު ހަވީރު 4:20 ހާއިރު. އޭނާ ގެނާއިރުވެސް އޮތީ މަރުވެފައި. އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ލަފާ ކުރެވެނީ. އެއީ އޭނާ ގެބިގެން ލޮނު ބޮވިފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތީމަ." ގުރައިދޫ ސިއްހީ މަރުކަޒުގެ ތަރުޖަމާނު އަބްދުލް މަޖީދު ވިދާޅުވިއެވެ.
ސަފާރީގައި މަސައްކަތް ކުރާ މީހަކު "ސަން" އަށް ކިޔައިދިންގޮތުގައި ލަންކާގެ ފަތުރުވެރިޔާ އެ ސަފާރީ އަށް ޗުއްޓީ ހޭދަކޮށްލުމަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނައާ އެކު އޭނާގެ އަނބިމީހާ ވެސް އައިސް އުޅޭ ކަމަށް ސަފާރީން ވާހަކަދެއްކި މީހާ ބުންޏެވެ.
"އެ ހާދިސާ ހިނގި ވަގުތު އަހަރެން އޮތީ ޑައިވިން އަށް އަޑިއަށް ގޮސް. އެތަން އެހާ ފުނެއް ވެސް ނުވާނެ. އަހަރެން މައްޗަށް އެރި އިރު އެކަމެއް ހިނގައިގެން އުޅެނީ. ދެން ސަފާރީގެ ސްޓާފުން ވެގެން އޭނާ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ." ސަފާރީގައި މަސައްކަތް ކުރާ މީހާ ބުންޏެވެ.