20 Dec 2017, 19:45
އަމިއްލައަށް އިނގިރޭސި ވިލާތަށް އަރުވާލެވިގެން އުޅުއްވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ޖަރުމަނުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
ބޭސްފަރުވާއަށް ކަމަށް ބުނެ ޖަރުމަނުގައި މިވަގުތު ހުންނެވި ގާސިމާ ބައްދަލުކުރެއްވުމަށް ޖަމީލާއި އަލީ ވަހީދު ބައްދަލުކުރެއްވުމަށް ޖަރުމަނަށް ގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ގާސިމާއެކު ޖަމީލާއި އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ފެންނަ ފޮޓޯއަކާއެކު ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަމީލާއި އަލީ ވަހީދު އޭނާއާ ބައްދަލުކުރެއްވުމުން ޝުކުރު ދަންނަވާ ކަމަށެވެ.
ރާއްޖެ ޑިމޮކްރަސީގެ މަގަށް ގެނުވައި ރައްޔިތުން އެދޭ ފަދަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ލިބުމަކީ ރައްޔިތުންގެ އުއްމީދު ކަމަށް ގާސިމް ވިދާޅުވިއެވެ.
އެބައްދަލުކުރެއްވުމާ ގުޅޭގޮތުން އަލީ ވަހީދު ވެސް ވަނީ ޓްވީޓެއް މިއަދު ކުރައްވައިފަ އެވެ.
އެ ޓްވީޓުގައި އަލީ ވަހީދު ވިދާޅުވީ، ހަތަރު ޕާޓީއަށް އިންސާނުވެރި ހަމަހަމަ ޑިމޮކްރެޓިކް ޕްރައިމަރީ އަކުން ގައުމީ ކެނޑިޑޭޓެއް އިންތިޚާބު ކުރަން ގާސިމް ތާއީދު ކުރެއްވީތީ އުފާކުރައްވާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ، މަޝްވަރާއިން ގޮތެއް ނުނިމިއްޖެނަމަ، "ދުރު ނުވެވޭވަރަށް ކައިރި ނުވެ، ކައިރި ނުވެވޭ ވަރަށް ދުރު ނުވެ" ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ.
އަލީ ވަހީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، ދުލާއި ހިތަށްވުރެ ސިކުނޑި އިސްކޮށްގެން މެނުވީ މިހާލަތުން ރާއްޖެ އަރައިގަންނަން ދަތިވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ތަފާތު ފިކުރުގެ ޕާޓީތައް ހިމެނޭ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް ގާސިމް ތައްޔާރު ކަމަށެވެ.
ޖަމީލާއި އަލީ ވަހީދު ޖޭޕީގެ ލީޑަރު ގާސިމާ ބައްދަލުކުރައްވައިފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ޖޭޕީއާ އަލުން ގުޅިވަޑައިގަތް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ވެސް އެ ދެބޭފުޅުންވަނީ ލަންޑަނުގައި ބައްދަލުކުރައްވައިފަ އެވެ.