20 Dec 2017, 18:18
ދުނިޔެއިން ނެތިގެން ހިނގާދާނެ ކަމުގެ ބިރު ހީވެފައިވާ ބޯބޮޑު ވެލައެއް ދިވެއްސަކު ސަލާމަތްކޮށްފިއެވެ.
މާލޭގެ އިރުމަތީ ފަރާތުން ޑައިނަމޯ ގާޑެން ކައިރީ މޫދުގައި ދަލެއްގައި ޖެހިފައި އޮއްވާ އެ ވެލާ ސަލާމަތް ކޮށްފައިވަނީ މ. އަރާރަތްކުރި މުހައްމަދު އާދަމް (އެލްޓީ ބޮޑޭ) އެވެ.
އިއްޔެ ހަވީރު ބޮޑޭ އެވެލާ ސަލާމަތްކުރި ވީޑިއޯއެއް މިހާރު މީސް މީޑިއާގައިވަނީ އާންމުވެފައެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި އާންމުކޮށް މަސްވެރިކަމަށް ބޭނުން ކުރާ ޒާތުގެ ދަލެއްގައިޖެހި އެވެލާއޮތީ ކުރިއަށް ނުދެވޭ ވަރުވެފައެވެ. އަދި އޭތީގެ މުޅި އެ ދާއޮޅިފައިވާ މަންޒަރު ފެނެއެވެ.
ބޮޑޭ އެވެލާ ސަލާމަތް ކުރަނިކޮށް ފެނުނު މީހަކު "ސަން" އަށް ބުނީ ވަރަށް ގިނަ ބަޔަކު ޑައިނަމޯގައި ކޮފީ ބޯން ތިބި ގަޑިއެއްގައި ދަލެއްގައި ޖެހިފައި އޮތް ވެލައެއް ބަކަތަޅާތަން ފެނުމުން ބޮޑޭ އެދީމާލުން މޫދަށް ފައިބާ ވެލާ ސަލާމަތް ކުރީ ކަމަށެވެ.
މާލެ ވަށައިގެން ޖަހާފައިވާ ބަޖިޔާ ގާތަކުގެ ތެރޭގައި ހުރެގެން ބޮޑޭ އެވެލާ ދަލުން ސަލާމަތް ކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ބޯބޮޑު ވެލާއަކީ އާންމުކޮށް ރާއްޖެއިން ނުފެންނަ ޒާތުގެ ވެލައަކަށް ވާއިރު އެއީ ދިގު ހިސާބުތަކަށް ހިޖުރަކުރާ ޒާތުގެ ވެލައެކެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން، ކަނޑުގެ މާހައުލުގައި އުޅޭ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ރާއްޖޭގައި ހިމާޔަތްކޮށްފައެވެ.