20 Dec 2017, 17:46
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބުއްރައްޒާގާއި އެމަނިކުފާނުގެ އަނބިކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.
ދެ ދުވަހުގެ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެ ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
އަދި މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖޭން ފުރާވަޑައިގެންނެވިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ދެކަނބަލުންނަށް އަލްވަދާއު ވިދާޅުވީ، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދުގެ ދެކަނބަލުންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ 33 އަހަރަށްފަހު މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އެގޮތުން ދަތުރުފުޅުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ވަނީ ބޮޑުވަޒީރު ނަޖީބުއްރައްޒާގާ ބައްދަލުކުރައްވާ ރާއްޖެއާއި މެލޭޝިއާއާ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ވަނީ ބާއްވާފަ އެވެ.
ރަސްމީ މަޝްވަރާތަކަށްފަހު މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބުއްރައްޒާގު ދެއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ، ރާއްޖެއަކީ މިހާރު ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ގައުމު ކަމަށާއި ދިމާވާ ގޮންޖެހުންތަކާ އެކުވެސް އެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ބޮޑު ކާމިޔާބީއަށް އަޖައިބުވެވަޑައިގަންނަވާ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީ ތަކާއި ކުރިއެރުންތައް ހޯދިގޮތް މެލޭޝިއާ އިން ދަސްކުރަން ބޭނުންވާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މެލޭޝިއާގެ ކުންފުނިތަކަށް ފުރުސަތު ލިބުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބޮޑުވަޒީރު ނަޖީބުއްރައްޒާގު ވަނީ ދިވެހި ސިވިލް ސާވަންޓުންނަށް ކުރު މުއްދަތުގެ ތަމްރީނާ ތަޖުރިބާގެ ފުރުސަތުތައް ކުރިއަށް އޮތް ތަނުގައި ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި މެލޭޝިއާގައި ތައުލީމު ހާސިލް ކުރަމުންދާ ދިވެހި ދަރިވަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޖީބު ވިދާޅުވި އެވެ.
ގުޅިފައިވާ ބަޔާނުގައި މެލޭޝިއާ އަދި ރާއްޖޭގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އދ. ގައި ކުރިއަށް ގެންދާ މުހިންމު ކަންތައްތަކުގައި މެލޭޝިއާ އިން ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
މެލޭޝިއާ އަކީ ރާއްޖެ އަށް އިގްތިސާދީ ގޮތުން ބޮޑެތި އެހީތައް ދެމުން އަންނަ ގައުމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އައިސް ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ދާއިރާތައް ބަލާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދެ ގައުމުގެ ޕްރައިވެޓް ސެކްޓާގެ ގުޅުން ބަދަހިކޮށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މެލޭޝިއާގެ އެހީތެރިކަން ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާ ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިއާއާ ދެ ގައުމުގެ ދެމެދުގައި ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ. ދެގައުމުގެ ދެމެދު ސޮއިކުރި އެއްބަސްވުން ތަކަކީ:
ރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމް ކުރުމުގެ އެއްބަސްވުން
- ފަޔާ ފައިޓަރުން ތަމްރީން ކުރުމާ ބެހޭ އެއްބަސްވުން
- މަތީ ތައުލީމަށް އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުން
- ސިއްހީ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުން
މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެ ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ބޮޑުވަޒީރު ނަޖީބުގެ ދައުވަތަކަށް މިދިޔަ އަހަރު މެލޭޝިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.