21 Dec 2017, 11:24
ފޭސްބުކުން އަލަށް ތައާރަފްކުރި ފީޗާގައި، ފޮޓޯގައި ޓެގްކޮށްފައި ނެތް ނަމަވެސް ފޭސްބުކްގެ އާ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީން މީހާ ދެނެގަންނާނެގޮތް ހަދައިފިއެވެ.
ފޭސްބުކުން އާ ފީޗާ ތައާރްފްކޮށްފައިވަނީ އިއްޔެއެވެ. ފޭސްބުކުން ބުނީ އަލަށް ތައާރަފްކުރި ފީޗާއާއެކު ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ އައިޑެންޓިޓީ ކުރިއަށްވުރެ ފަސޭހައިން "މެނޭޖްކުރެވިގެން" ދާނެ ކަމަށެވެ. ނަމަވެސް އެ ފީޗާ ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަން ( އީޔޫ)ގައި ބޭނުންމެއް ނުކުރެވޭނެއެވެ.
އިޔޫ އަދި ކެނެޑާގެ ގާނުނުތަކުގެ ދަށުން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އެގައުމުތަކުގައި ބޭނުންކުރުމަކީ މަނާ ކަމަކެވެ.
އާ ފީޗާގެ ދަށުން ފޮޓޯއެއްގައި ތިބާ އިންކަން ފޭސްބުކަށް ފާހަގަކުރެވިއްޖެނަމަ ފޭސްބުކުން އެމީހަކަށް މެސެޖު ފޮނުވާނެއެވެ. މިހާރުވެސް މީހަކު ތިބާ ފޮޓޯއެއްގައި ޓެގު ކޮށްފިނަމަ ރިވިއުކުރުމަށް ފޭސް ބުކުން މެސެޖު ފޮނުވައެވެ.
"އެހެންމީހަކު ޕްރޮފައިލް ޕިކްޗާއެއް ފޭސްބުކަށް ލާއިރު އޭގައި ތިބާ އިންނަމަ އާ ފީޗާއިން ތިބާއަށް އެކަން އަންގާނެ،" ފޭސްބުކްގެ އެޕްލައިޑް މެޝިން ލާނިންގެ ޑައިރެެކްޓަރު ޖޮއެކުއިން ކުއިނޮނީރޯ ވިދާޅުވިއެވެ.
ނަމަވެސް އާ ފީޗާ ފޭސްބުކު ބޭނުންކުރާމީހުން ބޭނުންނަމަ ސެޓިންގްސްގެ ތެރެއިން އެ ފީޗާ "ޑިސޭބަލް" ކުރުމުގެ އިހުތިޔާރުވެސް ވަނީ ދީފައެވެ.