ޕާކިސްތާނާ ޗައިނާއިން އެ ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ޗައިނީޒް ޔުއާން ބޭނުންކުރަން ވިސްނަމުންދާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޗައިނާ ޕާކިސްތާނު އިކޮނޮމިކް ކޮރިޑޯ ( ސީޕެކް)ގެ ލޯންގް ޓާމް ޕްލޭން (އެލްޓީޕީ) އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު އަހުސަން އިގްބާލް ވިދާޅުވީ ޑޮލަރުގެ ބަދަލުގައި ޗައިނީސް ޔުއާން ބޭނުންކުރުމަށް ޕްރޮޕޯސަލްތައް މިހާރު ރިވިއު ކުރެވެމުންދާ ކަމަށެވެ.

އިގްބާލް ވިދާޅުވީ، ޔުއާން ޗައިނާއާ ޕާކިސްތާނުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުން ކުރިކަމުގައި ވިޔަސް އެތެރޭގެ ބޭނުންތަކުގައި ޕާކިސްތާނު ރުޕީސް ބޭނުންކުރާނެ ކަމަށެވެ.

ޕާކިސްތާނާ ޗައިނާއާ ދެމެދުު 2015 އިން 2016 އާ ދެމެދު 13.8 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގައިފައިވެއެވެ.

އެލްޓީޕީގެ ދަށުން ހަކަތައާއި، އިންފޮމޭޝަން ނެޓްވާކް އިންފްރާސްޓްރަކްޗަރު، ޓުއަރިޒަމާ ދަނޑުވެރިކަމުގެ އިތުރުން މަގުތަކާއި ރޭލްވޭތައް ހެދުމާއި އިންޑަސްޓްރިއަލް ޕާކް އަދި ފަގީރުކަން ނައްތާލުމަށް ދެގައުމުން އެއްބާރުލުން ދީގެން މަސައްކަތްކުރުމަށް ވަނީ ހަަމަޖެހިފައެވެ.

އެލްޓީޕީގެ ދަށުން ދެ ގައުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި ދެ ގައުމުގެ ދެމެދުގައި ކްރެޑިޓް ރޭޓިން ސިސްޓަމެއް ބެހެއްޓުމުގެ އިތުރުން ފައިސާއާ ގުޅޭ ހިދުމަތްތައް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ކުރީކޮޅު ސީޕެކްގެ ޕްރޮޖެކްޓަށް ޗައިނާއިން ޕާކިސްތާނުގައި ވަނީ 57 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. ޗައިނާއިން ކުރިއަށްގެންދާ އާ ސިލްކް ރޯޑް ޕްރޮޖެކްޓްގެ ދަށުން ހިންގާ ބެލްޓް އެންޑް ރޯޑް އެންޑް އިނީޝިއޭޓިވްއިން، ކަނޑުމަގުންނާއި އަދި އެއްގަމުމަގުން އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ 60 ގައުމާ ގުޅާލެވޭނެއެވެ.