އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ޖާގަ މެންޗެސްޓާ ސިޓީ އާއި އާސެނަލް ކަށަވަރު ކޮށްފި އެވެ.

ސިޓީ މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ޕެނަލްޓީގައި ލެސްޓާ ސިޓީގެ މައްޗަށް 3-4 އިން ކުރި ހޯދައިގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ސިޓީންނެވެ. މެޗުގެ 26 ވަނަ މިނެޓްގައި ސިޓީ އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާ އެވެ. އެ ލަނޑާ އެކު ސިޓީން މޮޅުވާން ދަނިކޮށް ލެސްޓާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓުގެ ތެރެއިން ހަތް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމީ ވާޑީ އެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއޮ ލެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. ނަމަވެސް އެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައިނުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.

ޕެނަލްޓީގައި ސިޓީން ޖެހި ހަތަރު ޕެނަލްޓީ ވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެޓީމުގެ ޕެނަލްޓީތައް ޖެހީ ގުންޑޮގާން އާއި ޔާޔާ ޓޫރޭ އާއި ގެބްރިއަލް ޖީސެސްގެ އިތުރުން ލޫކަސް އެވެ. ލެސްޓާ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ފުޗްސް އާއި އިބޯރާ އާއި މެގުއާ ޖެހި ޕެނަލްޓީ ކާމިޔާބުކުރި އިރު ވާޑީ ފޮނުވާލި ޕެނަލްޓީ ބޭރަށް އަދި މަހްރޭޒް ފޮނުވާލި ޕެނަލްޓީ ސިޓީގެ ކީޕަރު ބްރާވޯ ވަނީ ދިފާއުކޮށްފަ އެވެ.

މުބާރާތުގެ ސެމީ އަށް އާސެނަލް ދަތުރުކުރީ ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި އާސެނަލް އާއި ވެސްޓް ހަމް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު އެޓީމަށް މެޗުގެ 42 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކް އެވެ. އެ ގޯލަށް ފަހު ވެސްޓްހަމްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް އާސެނަލް އަށް ފޮނުވާލެވިފައެއް ނުވެ އެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި މިރޭ، އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ނިކުންނާނީ ބްރިސްޓޮލް ސިޓީއާ ދެކޮޅަށެވެ. އަދި ޗެލްސީން ނިކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.